އިބްރާހިމް ޒަކީ
ކޮވިޑް 19 ފެތުރެމުންދާ ހަލުވި މިނަށް ބަލާ އިރު، އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ ހާލަތެއް ރާއްޖޭގައި އޮންނާނެ ކަމަށް ނުބެލެވޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19 އާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، މިވަތު ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ ނިސްބަތަށް ބަލައި ރާއްޖޭގެ އާއްމު ސިއްހަތުގެ ހާލަތަށް ބަލާއިރު، އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާއާ ހަމަޔަށް އަންނައިރު ބޮޑެތި އެއްވުންތައް ބާއްވާނެ ހާލަތެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތާބު ބާއްވަން ނިންމާފައި އޮތީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ހެލްތު މިނިސްޓަރު މިއަދު ވިދާޅުވީ، އިންތިހާބާ ބެހޭ ގޮތުން އެއްޗެއް ބުނުމުގެ އެއްވެސް ދައުރެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ނޯންނަ ކަމަށެވެ. ނަމަވެސް އެދުވަހެއްގެ ހާލަތަކާ ބެހޭ ގޮތުން ދޭން ޖެހޭ އިރުޝާދު އެޗްޕީއޭއިން ދެމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެ ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ސިއްހީ ހާލަތު މޮނިޓާކޮށް ބަލަމުން އަންނަ ކަމަށެވެ.
އެހެންކަމުން ކަމާބެހޭ އިރުޝާދުވެސް ދެމުން ގެންދަނީ އެވަގުތާއި ހާލަތަށް ބިނާކޮށް ކަމަށްވެސް ވިދާޅުވިއެވެ.