އާއްމު ސިއްހަތުގެކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރަކީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިވަޑައިގެންވާ ބާރެކެވެ.
ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނިއުސްކޮންފަރެންގައި ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވީ ހެލްތު މިނިސްޓަރަށް ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން އިއުލާން ކުރައްވާފައިވާ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުުމުން، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން އެޅޭނެ ފިޔަަވަޅުތަކުގެ ތެރޭގައި ހިމެނެނީ، ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުމާއި، މީހުން އެއްވެ އުޅުން މަނާކުރުމާއި، ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން އެއްވެ އުޅުމާއި މީހުން ތަންތަނަށް ދިޔުން މަނާކުރުމުގެ އަމުރު ނެރުމާއި، ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރުކުރުން ހުއްޓުވުން ފަދަ ކަންކަމެވެ.
ގާނޫނުގައި ބުނާގޮތުން، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް، މިނިސްޓަރު އިއުލާނު ކުރެއްވުމުން، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އެގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަޅުއްވަމުން ގެންދަވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް، އޭގެ ތަފްސީލްތަކެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ، ރާއްޖޭގައި ކޮވިޑް 19ގެ ހާލަތު މިހާރު އޮތް މިންވަރަށް ބަދަލެއް އައުމުގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށެވެ. ނަމަވެސް ކުރިޔަށް ގެންދަން ޖެހޭ ޕްރޮސީޖާތަކަށް ބަލާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭން ކޮވިޑް 19 އަށް ޕޮޒިޓިވް އަށް މީހަކު ވަނީ ފެނިފަ އެވެ. އަދި ޔޫރަޕްގެ ގައުމުތަކުން އެބަލި ކޮންޓްރޯލް ވަމުންދިޔަ ނަމަވެސް އެހެން ގައުމުތަކަށް ބަލި ފެތުރުން އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.