ކޮވިޑް19 އާއި ގުޅިގެން އެބަލީގެ ފަރުވާއަށް ބޭނުންވާ މުހިއްމު ބޭސްތަކާއެކު މެޑިކަލް ޓީމެއް ރާއްޖެއަށް ފޮނުވަން އިންޑިއާއިން ނިންމައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ އިންޑިއާ އެމްބަސީން ނެރުނު ބަޔާނެއްގައެވެ.
އެބަޔާނުގައި ބުނެފައިވަނީ، ކޮރޯނާ އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ ބައްޔެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ބަލިން ރައްކާތެރި ވުމަށް އިންޑިއާއިން އެހީތެރިވެދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕަލްމޮނޮލޮގިސްޓުންނާއި، އެނެސްތެޓިސްޓުންނާއި، ހޭނައްތާ ޑޮކްޓަރުންނާއި ފިޒިޝަނުންގެ އިތުރުން ލެބް-ޓެކްނީޝަނުން ހިމެނޭ ގޮތަށް އިންޑިއާއިން މާދަމާ ފޮނުވާ މި މެޑިކަލް ޓީމަކީ، ރާއްޖޭގެ ސިއްހީ ދާއިރާގެ މާހިރުންނާއި ހިދުމަތްތެރިންނަށް އެހީ ފޯރުކޮށްދޭން ފޮނުވާ ޓީމެއް ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ފަރުވާ ދޭން ބޭނުންވާ މުހިންމު ބޭސްވެސް ރާއްޖެއަށް ހަދިޔާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެފަދަ ބޭސްތައް އިންޑިއާއިން ބޭރުކުރުން މެދުކަނޑާލާފައި އޮތް ނަމަވެސް އެފަދަ ބޭސްތައް ރާއްޖެއަށް ހަދިޔާކުރަން ނިންމީ ރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައި އޮންނަ އެކުވެރި ކަމާއި ގާތް ގުޅުމުގެ ސަބަބުން ކަމަށްވެސް ބަޔާނުގައި ވެއެވެ.
ކޮވިޑް 19 ޗައިނާގައި އެންމެ ގަދައަށް ފެތުރެން ފެށިއިރު އެގައުމުގެ ވުހާންގައި ތާށިވި ދިވެހިން އެގައުމުން ނެރެ އިންޑިއާއިން ވަނީ ދެ ފަހަރެއްގެ މަތިން މަސައްކަތް ކޮށްދީފައެވެ. އެގޮތުން އެމީހުން ޗައިނާއިން ނެރެގެން ގެންގޮސް އިންޑިއާގައި ކަރަންޓީން ކޮށް ރާއްޖެ ފޮނުވައިދީފައި ވެއެވެ.