ކޮވިޑް 19

ކޮވިޑް 19 : ސްރީލަންކާގެ ހުރިހާ ސްކޫލުތަކެއް ބަންދު ކޮށްފި

މިންހާ ފާއިޒް ރަޝާދު

ކޮރޯނާވައިރަހުން އުފެދިފައިވާ ބަލި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމެއްގެ ގޮތުގައި ހުރިހާ ސްކޫލުތަކެއް ބަންދު ކޮށްފިއެވެ.

ލަންކާގެ ހުރިހާ ސްކޫލުތަކެއް ބަންދު ކުރިކަން އިއުލާނު ކުރީ އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެގޮތުން އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމަޔަށް ލަންކާގެ ހުރިހާ ސްކޫލުތަކެއް ބަންދުކުރަން ނިންމާފައިވާ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ކިޔެވުމާއި ހުރިހާ ފީލްޑް ޓްރިޕްސްތައް ވެސް ހިމެނެއެވެ.

މިގޮތަށް މިނިންމީ އެގައުމުގައި ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހާ ގައުމުގެ ވަރަށް ގިނަ ތަންތަނަށް ގޮސްފައި ހުރިކަން ހާމަވެފައިވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް ބުނެފައެވެ.

ކޮވިޑް19 އަށް ރާއްޖޭގައިވެސް އަށް މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ސަރުކާރުން ވަނީ ސްކޫލު ހުޅުވުން އެއް ހަފުތާއަށް ފަސްކޮށްފައެވެ. ކޮވިޑް19 އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ ވަބާއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ރޭ ވަނީ ކަނޑައަޅާފައެވެ. މިހާތަނަށް މިބައްޔަށް މުޅި ދުނިޔެއިން 125,972 މީހުން ޕޮޒިޓިވްވެފައި ވާއިރު 4630 މީހުން ވަނީ މަރުވެފައެވެ. އަދި 67,003 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.