ކޮވިޑް 19 ގެ ސަބަބުން ލޮކްޑައުން ކޮށްފައި އޮތް، ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީ ބަތަލާ އާއި ކުރަމަތި މޯލްޑިވްސް ރިސޯޓް އަލުން ހުޅުވާލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ތިން ރިސޯޓަށް އަރައި ފޭބުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށާއި، އެކަމަށް ހުއްދަ ދިން ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގާތުން އެ ތިން ރިސޯޓް މޮނިޓާ ކުރަމުންދާނެ ކަމަށެވެ.
އެޗްޕީއޭއިން ބުނީ، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، މި ބަލި ފެނުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް ބޭތިއްބުމުގެ އިންތިޒާމު މިހާރުވެސް އެ ރިސޯޓްތަކުގައި ހަމަޖައްސާފައިވާ ކަމަށެވެ.
އެ ގޮތުން އެކަހެރިކޮށްފައިވާ ފަރާތްތައް އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން އެކުލަވާލާފައިވާ އުސޫލުތަކާއި ޕްރޮސީޖާތަކާ އެއްގޮތަށް އެ މީހުން އަމަލު ކުރަމުންދޭތޯ ރިސޯޓްގެ މެނޭޖްމަންޓުން ބަލައި ކަށަވަރުކުރަމުންދާނެ ކަމަށްވެސް ބުނެފައި ވެއެވެ. ހަމަ އެއާއެކު އެރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން އެގްޒިޓް ސްކްރީން ކުރެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން މިބަލިން ރައްކާތެރި ކުރުމަށް ޓަކައި އަޅާ ފިޔަވަޅާއި މިބަލި ފެތުރުނަ ނުދިނުމަށް ކުރާ މަސައްކަތްތައް ތަންފީޒު ކުރުމަށް ސިއްހީ މުވައްޒަފަކު ރިސޯޓްގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ކޮވިޑް-19 އަކީ މުޅިދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނުވަތަ 'ޕެންޑަމިކް' އެއް ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އިން މިހާރު ވަނީ ކަނޑައަޅާފައެވެ.