ކޮވިޑް 19

ކޮވިޑް 19 : އީރާންގެ ނައިބު ރައީސް އާއި ދެ މިނިސްޓަރުން ބައްޔަށް ޕޮޒިޓިވް ވެއްޖެ

ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 އަށް އީރާނުގެ ނައިބު ރައީސް އާއި ދެ މިނިސްޓަރުން ޕޮޒިޓިވް ވެއްޖެއެވެ.

މިވާހަކަ ތިލަވެފައިވަނީ ފަހަކަށް އައިސް ބޭއްވި އެއްވެސް ރަސްމީ ޖަލްސާއެއް އަދި ބައްދަލުވުމަކުންވެސް ނައިބު ރައީސް ފެނިފައި ނުވާތީ އެކަމާ މީޑިއާ ތަކުން ސުވާލު އުފައްދާފައި ވަނިކޮށެވެ.

އީރާނުގެ ނުރަސްމީ ނޫސްތަކާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ނައިބު ރައީސްގެ އިތުރުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ އެގައުމުގެ ކަލްޗަރަލް ހެރިޓޭޖް، ހޭންޑީކްރާފްޓްސް އަދި ޓުއަރިޒަމް މިނިސްޓަރު އަލީ އަސްގަރު މައުނިސަން އާއި އިންޑަސްޓްރީ، މައިންސް އަދި ބިޒިނަސް މިނިސްޓަރު ރެޒާ ތަހްމާނީ އެވެ.

މި ކަމާ ގުޅޭ ގޮތުން އިރާނުގެ ސަރުކާރުން ރަސްމީގޮތުން އަދިވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އީރާނަކީ ކޮވިޑް 19 އެންމެ ބޮޑަށް ފެތުރިފައިވާ އެއް ގައުމެވެ. އެގައުމުގެ 31 ޕްރޮވިންސަކަށް ބަލި ފެތުރި 9000 މީހުން ކޮވިޑް 19އަށް ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރެއިން 354 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް19 އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ ވަބާއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ރޭ ވަނީ ކަނޑައަޅާފައެވެ.