ކުރެހުމުގެ މައުރަޒުކަތާއި ހަފުލާތަކާއި އެނޫންވެސް ހަރަކާތްތައް ހިންގުމަށް އާންމުންނަށް ދޫކުރަމުން އަންނަ ނެޝަނަލް އާޓް ގެލަރީއާއި އޮލިމްޕަސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
"ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް" އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ނޭޝަނަލް އާޓް ގެލަރީ އާއި އޮލިމްޕަސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
ސެންޓަ ފޯ ދި އާޓްސް އިން ބުނީ މިކަމާގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަަމަށެވެ.
މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖެ އިން ވެސް ފެނިފައިވާތީ މީހުން އެއްވެ އުޅޭ ހަރަކާތްތައް މިދުވަސްކޮޅު ނުބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެބަލި ރާއްޖޭގައި ފެތުރެމުން ދިއުމާއި ގުޅިގެން އަންނަ ހަފުތާއަކީ ސްކޫލްތައް ބަންދު ހަފުތާއެއްގެ ގޮތުގައި ސަރުކާރުން ވަނީ ނިންމާފައެވެ.
ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް19 އަށް 8 މީހަކު ޕޮޒިޓިވް ވެފައެވެ. މިހާތަނަށް ޕޮޒިޓިވް ވި އެންމެންނަކީ ވެސް ބިދޭސީންނެވެ.