ކޮވިޑް 19

ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ސަން އަކުއާ އިރުވެލި ރިސޯޓުގެ ބިދޭސީއަކު ޓެސްޓު ކުރަނީ

ކޮވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ސަން އަކުއާ އިރުވެލި ރިސޯޓުން ބިދޭސީއަކު ޓެސްޓު ކޮށް އެ ރިސޯޓު މޮނިޓަރިން ހާލަތަށް ލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނީ ސަން އަކުއާ އިރުވެލި ރިސޯޓުން ބިދޭސީއަކު ކޮވިޑް19 އަށް ޝައްކު ކުރެވިގެން އެމީހާގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އެރިސޯޓް މޮނިޓަރިން އަށް ލާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހުން ފެންނަ ކޮންމެ ރަށެއް ސަރުކާރުން އަންނަނީ ވަގުތީ ގޮތުން ބަންދުކޮށް ބަލަން ޖެހޭ ކަން ކަން ބެލުމަށްފަހު އަލުން ހުޅުވުމަށް ހުއްދަ ދެމުންނެވެ.

އެގޮތުން ކޮވިޑް19 ޖެހިފައި ތިބި މީހުން ފެނިގެން އަރައި ފޭބުން މަނާކުރި ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ އަދި ކުރަމަތި ރިސޯޓަށް އަރައި ފޭބުން މަނާކުރި ކުރުން ނިމުމަކަށް ގެނެސް ތިން ރިސޯޓު ވެސް މިހާރުވަނީ ހުޅުވާފައެވެ.

އެހެންކަމުން މިހާރުގެ އެންމެ ފަހުން ލިބިފައިވާ މައުލޫމާތަށް ބަލާނަމަ މީހުން އަރައި ފޭބުން ހުއްޓުވާފައި ވަނީ ސަން އަކުއާ އިރުވެލި ރިސޯޓު އެކަންޏެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.