މެލޭޝިއާ އިން ރާއްޖެ އައި ދިވެއްސެއްގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، މެލޭޝިއާ އިން އައި އެ މީހާއަކީ އެގައުމުގައި ބައްޔަށް ޕޮޒިޓިވްވި މީހަކު އުޅުނު އިމާރާތެއްގައި ހުރި މީހެއް ކަމަށެވެ. އަދި ރާއްޖެ އައުުން އޭނާގެ ފަރާތުން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެގޮތުން އޭނާގެ ޓެސްޓުތައް ހަދައި މޮނީޓާކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރު ދަނީ ކުރަމުންނެވެ.
މެލޭޝިއާ އިން ރާއްޖެ އައި ދިވެއްސެއްގެ ފަރާތުން ކޮވިޑް 19ގެ އަލާމާތްތަކެއް ފެނިފައިވާއިރު، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ބަންގުލަދޭޝް އިން ފުރައިގެން ރޭ އެނބުރި ރާއްޖެއައި ދިވެއްސަކު 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުގައި ވަނީ ބަހައްޓައިފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.