މިންހާ ފާއިޒް ރަޝާދު
ހަލުވިކަމާއެކު ދުނިޔޭގައި ފެތުރިގެންދާ ބަލި ކޮވިޑް19ގެ ސަބަބުން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ކިޔެވުމުގެ ނިޒާމު އެކީގައި މިއަހަރު ޖޫންގެ ނިޔަލަށް އީ-ލާނިންއަށް ބަދަލު ކުރުމަށް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޔޫއޭއީގެ ގަލްފު ނޫހުން ބުނީ އެގޮތަށް އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ނިންމަން ހަމަޖައްސާފައިވަނީ ކޮވިޑް19 ފެތުރުން ވީހާވެސް ބޮޑަށް ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.
އެނޫހުގައި ބުނެފައިވާ ގޮތުން ޔޫއޭއީގެ ހުރިހާ ސްކޫލަކާއި ޔުނިވާސިޓީއެއް އަދި ޕްރައިވެޓް ހުރިހާ ކްލާސްތަކެއްވެސް އީ-ލާނިންއަށް ބަދަލުކުރާނެ އެވެ. ސްކޫލު ނުވަތަ ޔުނިވާސިޓީއަށް ދާން ޖެހޭނީ ޓެސްޓު ހެދުމަށެވެ.
ޔޫއޭއީގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކިޔެވުމުގެ އެޑްމިނިސްޓްރޭޓިވް ދާއިރާއާއި ޔުނިވާސިޓީތަކުގެ ސެންޓްރަލް ޑިޕާޓްމަންޓް ހެޑުން ހިމަނައިގެން ކޮމިޓީއެއްވެސް އުފައްދާފައެވެ. އެ ކޮމިޓީގެ ބޭނުމަކީ ޑިސްޓެންސް ލާނިންގެ މަސައްކަތް ބެލެހެއްޓުމެވެ.
ފާއިތުވި ދެދުވަހު ޔޫއޭއީގެ ބައެއް ޕްރައިވެޓް ސްކޫލުތަކުން ވަނީ އީ-ލާނިން އީޖާދު ކޮށްފައެވެ. އެގޮތުން އީ-ލާނިން ބޭނުން ކުރާނެ ގޮތުގެ މެނުއަލެއް ބެލެނިވެރިންނާއި ދަރިވަރުންނަށްވެސް ވަނީ ފޮނުވާފައެވެ. އީ-ލާނިންގެ ސަބަބުން، ދަރިވަރުން ކިޔަވާއިރު ބޭނުން ވެއްޖެ ހާލަތެއްގައި ބެެލެނިވެރިޔާއަށްވެސް އެދަރިވަރު ކިޔަވާތަން މޮނިޓާ ކުރެވޭ ގޮތަށް ވަނީ ހަދާފައެވެ. ކޮންމެ ދަރިވަރަކަށް ވަކި ޕާސްވޯޑަކާއެކު ދީފައިވާ އެ އެޕްލިކޭޝަނުން، ޓީޗަރުންނާ އޯޑިއޯ އަދި ވީޑިއޯކޮށްވެސް މުއާމަލާތް ކުރެވެއެވެ. އަދި ނޯޓްސް ފޮނުވައި ބޭނުންވާ ހާލަތްތަކުގައި ލަފާ ހޯދުމަށްވެސް އެ އެޕް ބޭނުން ކުރެވެއެވެ.
ޕްރިވެޓް ބައެއް ސްކޫލުތަކުން އީ-ލާނިންގެ އެޕް ބޭނުން ކުރަން ފެށިކަމުގައިވިއަސް އެޑިއުކޭޝަން މިނިސްޓްރީން އަދިވެސް ގެންދަނީ އެންމެ ހަރުދަނާ އަދި ހުރިހާ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅުތަކެއް ދެނެގަތުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ޔޫއޭއީގައި ކޮވިޑް19 އަށް 74 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 12 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ. އެގައުމުގައި ކޮވިޑް19 ޖެހިގެން މީހަކު އަދި މަރުވެފައެއް ނުވެއެވެ.
ކޮވިޑް19 އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ ވަބާއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ރޭ ވަނީ ކަނޑައަޅާފައެވެ.