ކޮވިޑް 19

ކޮވިޑް 19: އިތުރު ގޮތެއް ނެތުމުން ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި

އަލީ ޔާމިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުންދާތީ، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަން ނިންމައިފި އެވެ.

ވިލާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކުރައްވައި އިއްޔެ ނެރުއްވި ސާކިއުލާއެއްގައި ވާގޮތުން މުސާރަ ދަށް ކުރަން އެކުންފުނީގެ ބޯޑުން ނިންމީ އެކި ގިންތިތަކަށް ބަހާލައިގެންނެވެ.

ވިލާ ކުންފުނީގެ މުސާރަ ދަށްކުރަން ނިންމާފައިވާ ގޮތް:

  • މުސާރައިގެ 4،999ރ. އިން ދަށުގެ ބައިން - 10 ޕަސެންޓު
  • މުސާރައިގެ 5،000ރ. އިން 9،999ރ. ގެ ބައިން - 20 ޕަސެންޓު
  • މުސާރައިގެ 10،000ރ. އިން 49،999ރ. ގެ ބައިން - 35 ޕަސެންޓު
  • މުސާރައިގެ 50،000ރ. އިން މަތީގެ ބައިން - 50 ޕަސެންޓު

ވިލާ އިން ބުނީ، މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމީ އެ މީހުން ވަޒީފާ އިން ވަކިކޮށްފި ނަމަ އެ މީހުންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެތީ އާއި މުސާރަ އަށް ކުރާ ހަރަދު މި ވަގުތަށް ކުޑަނުކޮށްފި ނަމަ އެ ކުންފުނި ހިންގޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ. ނަމަވެސް، ހާލަތު ބަދަލުވަމުން އަންނަ ވަރަކުން މުސާރައަށް ބަދަލު ގެނެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ލިބޭ މުސާރަ މަދުވުމަކީ ކޮންމެ މީހަކަށް ވެސް ދަތިވާނެ ކަމަކަށް ވާތީ އެ ކަމަށްޓަކައި ހުރިހާ މުވައްޒަފުންގެ ކިބައިން މާފަށް އެދޭކަމަށްވެސް އެ ސާކިއުލާގައިވެއެވެ.

އެ ކުންފުންޏަށް ފައިސާ ލިބެނީ އެ ތަނުން ހިންގާ ރިސޯޓުތަކަށް ލިބޭ އާމްދަނީން ކަމަށާ، މި ދުވަސްވަރު އަންނަ ފަތުރުވެރިން މަދުވެ، އާމްދަނީ ވެސް ދަށްވަމުންދާ ކަމަށް ސާކިއުލާގައިވެއެވެ. ވިލާއިން ފަސް ރިސޯޓު ރާއްޖޭގައި ހިންގައެވެ. އެއީ ސަން އައިލެންޑު ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓާއި ޕެރެޑައިސް އާއި ރޯޔަލް އައިލެންޑް އަދި ފަން އައިލެންޑް ރިސޯޓެވެ.

ރާއްޖޭގައި އަށް މީހަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. މި އަށް މީހުންނަކީވެސް ރިސޯޓުތަކުން ފެނިފައިވާ މީހުންނެވެ.