ކުއްލި ޚަބަރު

އިތުރު އެއް ހަފްތާއަށް ސްކޫލުތައް ބަންދުކުރަން ނިންމައިފި

އިތުރު އެއް ހަފްތާއަށް ސްކޫލުތައް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން އެގޮތަށް ނިންމާފައި މިވަނީ، ސްކޫލުތަކުގެ މިޑް ޓާމް ޗުއްޓީއަށްފަހު އަންނަ ހަފްތާގައި ސްކޫލުތައް ނުހުޅުވުމަށް އެތައް ޖަމިއްޔާއަކާއި ޑޮކްޓަރުން ވެސް އިރުޝާދު ދެއްވަމުން ދަނިކޮށެވެ.

ކޮވިޑް 19 އާގުޅޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާވައިރަހާ ގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ސްކޫލުތައް ބަންދު ކުރަންޖެހޭ ހާލަތަކަށް ވެސް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން ސްކޫލުތައް ބަންދުކުރަންޖެހޭ ހާލަތެއްގައި އޮންލައިންކޮށް ނުވަތަ ބްރޯޑްކާސްޓް ކޮށްގެން ނަމަވެސް ކިޔަވައިދެވޭނެ ގޮތްތަކެއް ތައްޔާރު ވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މަބުރޫކު ވިދާޅުވީ، މިވަގުތަށް އެއް ހަފްތާއަށް ސްކޫލުތައް ހުޅުވަން ފަސްކޮށްފައިވާ ކަމަށާއި ރާއްޖޭގެ ހާލަތު ބަދަލުވަމުންދާ ވަރަކަށް އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

މިޑް ޓާމަށްފަހު ސްކޫލުތައް އަލުން ނުހުޅުވުމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އާއި ޓީޗަރުންގެ ޖަމިއްޔާ އަދި މޮމްސް ޖަމިއްޔާ އިން ވެސް ވަނީ ގޮވާލައިފައެވެ. އޭގެ އިތުރުން ކުޑަކުދީންގެ ހާއްސަ ޑޮކްޓަރު، ޑރ. ނިޔާފް ވެސް ވަނީ މި ވަގުތުގެ ހާލަތަށް ބަލާއިރު އެންމެ ބުއްދިވެރި ގޮތަކީ ސްކޫލުތައް ބަންދުކޮށްފައި ބޭއްވުން ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭނުގައިވާ ގޮތުން ސްކޫލުތައް ބަންދު ކުރެވޭނީ އޮރެންޖު ނުވަތަ ރެޑް އެލާޓު ލެވެލްގައެވެ. އެ އެލާޓު ލެވެލްގައި މިވަގުތު މީހުން ދިރިއުޅޭ އެއްވެސް ރަށެއް ނެތް ކަަމަށް ސަރުކާރުން ބުނެއެވެ.

ކޮވިޑް 19 ޖެހިފައިވާ އަށް މީހަކު ރާއްޖޭން މިހާ ތަނަށް ފެނިފައިވާ އިރު، އިތުރު މީހުންނަށް އެކަހެރިކޮށްގެންނާއި ކަރަންޓީނުކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. މި ހާލަތުގައި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި މީހުން އެއްވާ ފަދަ ހަރަކާތްތައް ވެސް ނުހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އެޗްޕީއޭގެ މި އިލްތިމާސާއި ގުޅިގެން ރާއްޖޭގައި އެކި މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން ހިންގާ އެފަދަ ގިނަ ހަރަކާތްތައް ވަނީ ހުއްޓާލާފަ އެވެ.