ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް ލަންކާގެ ރައްޔިތަކު ޕޮޒިޓިވްވުމާއި ގުޅިގެން، އެގައުމުން ޓޫރިސްޓުންނަށް ދޫކުރާ އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލައިފިއެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ލަންކާ ސަރުކާރުން އެޅި މި ފިޔަވަޅަކީ ކޮވިޑް 19 އަށް އެގައުމުގެ ރައްޔިތަކު މިއަދު ޕޮޒިޓިވް ވުމުން އެޅި ފިޔަވަޅެކެވެ. މިއީ އެގައުމުން އެ ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.
އުމުރުން 52 އަހަރުގެ އެ މީހާއަކީ ޓުއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އޭނާއަށް ބަލި ޖެހުނީ އިޓަލީ ޓޫރިސްޓުންތަކެއްގެ ފަރާތުން ކަމަށް ވެސް ލަންކާގެ އިދާރާތަކުން ބުނެއެވެ.
ލަންކާގެ އިންފޮމޭޝަން ޑިރެކްޓަރު ނަލަކާ ކަލުވެވާއާ ނެރުއްވި ބަޔާނަކާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލީ މުއްދަތެއް ނެތް ގޮތަށެވެ.
ލަންކާ އިން މިހާރު ވެސް ވަނީ އީރާނާއި އިޓަލީ އަދި ކޮރެއާ އިން އެގައުމަށް އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީން ކުރަން ފަށައިފައެވެ.