ކޮވިޑް 19

ތައިލެންޑު އިމިގްރޭޝަންގެ ދެ އޮފިސަރަކަށް ކޮވިޑް 19 ޖެހި، ބައެއް ގައުމުތަކަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފިި

މިންހާ ފާއިޒް ރަޝާދު

1

ތައިލޭންޑުގެ މައި އެއާޕޯޓު ކަމަށްވާ، ސުވަރްނަބޫމީ އެއާޕޯޓު އިމިގްރޭޝަންގައި މަސައްކަތް ކުރާ ދެ އޮފިސަރުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެ، އެގައުމުން ދޫކުރާ އޮން އެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ. އެ ގައުމުން މި ވަގުތު އޮން އެރައިވަލް ވިސާ ދޫނުކުރާނެ ގައުމުތަކެއްގެ ލިސްޓެއް ވަނީ އާންމުކޮށްފަ އެވެ.

ތައިލޭންޑުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސުވަރުނަބޫމީ އެއާޕޯޓުގައި މަސައްކަތް ކުރާ އެ ދެ އިމިގްރޭޝަން އޮފިސަރުން ބަލިވި ކަމަށް ލަފާ ކުރެވެނީ މިމަހު ހަތެއް ނުވަތަ އަށް ވަނަ ދުވަހުއެވެ. އެމީހުން ބަލިވި ކަމަށް ބެލެވެނީ ދަތުރު ކުރި ޕަސެންޖަރެއްގެ ފަރާތުން ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް19އަށް ޕޮޒިޓިވް ވި އެކަކީ އެއާޕޯޓުގައި ހެލްތު ސްކްރީން ކުރާ މީހެއް ކަމުގައި ރިޕޯޓްތައް ބުނެއެވެ. ލަފާކުރެވޭ ގޮތުގައި އޭނާއަށް ބަލި އަރާފައިވަނީ ސައުތު ކޮރެއާގެ ޕަސެންޖަރުންތަކެއް ސްކްރީން ކުރުމުން ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. ސައުތު ކޮރެއާ އަކީ ޗައިނާ ނަގާފައި ދުނިޔޭގައި ކޮވިޑް19 އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ.

"ބަލިވި ދެ މީހުން އެއީ އެއް ޑިޕާޓްމެންޓެއްގައި މަސައްކަތް ކުރާ މީހުނެއް ނޫން. ބޮޑަށް ބެލެވެނީ ބޭރުން އައި ޕަސެންޖަރުންތަކެއްގެ ގައިން ނުވަތަ ޕާސްޕޯޓުން އެމީހުން އިންފެކްޓް ވީ ކަމަށް" ތައިލެންޑުގެ ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމަންޓްގެ ފަރާތުން ސޮޕޮން އިއާމްސިރިތަވޯން ވިދާޅުވިއެވެ.

ތައިލެންޑުގެ އިންޓީރިއާ މިނިސްޓަރު ވަނީ 18 ގައުމަކަށް އޮން އެރައިވަލް ވިސާ ދޫކުރުން މިއަދުން ފެށިގެން ހުއްޓާލާނެ ކަން އިއުލާން ކުރައްވާފައެވެ. އޭގެ ތެރޭގައި ސައުތު ކޮރެއާ، ހޮންގް ކޮންގް، އިޓަލީ، ޗައިނާ އަދި އިންޑިއާ ހިމެނެއެވެ. އަދި ފާހަގަ ކޮށްފައިވާ 18 ގައުމުން ތައިލެންޑަށް ޒިޔާރަތް ކުރާ އެންމެން އެގައުމެއްގައި ހުންނަ ތައި އެމްބަސީއަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން ނޫނީ ވިސާ ދޫ ނުކުރަން ވެސް ވަނީ ނިންމާފައެވެ.

އޮން އެރައިވަލް ވިސާ ނުދޭން ނިންމި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެއެއް ނުހިމެނެ އެވެ.

ތައިލެންޑުގެ އިގްތިސޯދު އޮންނަނީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ. ކޮވިޑް19 އަށް ޕޮސިޓިވް 59 މީހަކު އެގައުމުން މިހާތަނަށް ފެނިފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟