ނޫސްވެރިޔަކަށް އެއް ސުވާލު ކުރުމުގެ ފުރުސަތު ދޭތީ، ޗެނަލް 13ގެ މުވައްޒަފުން، މިހާރު ކުރިޔަށް ދާ ކޮވިޑް 19 ގެ ޕްރެސް ކޮންފަރެންސުގައި ނުރުހުން ފާޅުކުރަމުން އެބަ ދެއެވެ.
ކޮވިޑް19 އާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު، މުހައްމަދު މަބުރޫކް އަޒީޒް، ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގެންދަވާ އިރު، އެތަނަށް ހާޒިރުވެ ތިބި ޗެނަލް 13ގެ މުވައްޒަފުން ތިބީ ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ބޯޑު ތަކެއް ހިފައިގެންނެވެ.
އޭގެން އެއް ބޯޑުގައި، "އެއް ސުވާލަށްވުރެ ގިނަ ސުވާލު ކުރުމުގެ ފުރުސަތު ކޮންމެ ނޫސްވެރިޔަކަށް ވެސް އޮންނަން ވާނެ." ކަމަށް ލިޔެފައިވާ އިރު، އަނެއް ބޯޑުގައި އޮތީ "މިނިވަން ނޫސްވެރިކަމަށް ޖާގަދެއްވާ!" މިފަދައިންނެވެ. ތިން ވަނަ ބޯޑުގައި އޮތީ "ގާނޫނު އަސާސީގެ 29 ވަނަ މާއްދާއަށް އިހުތިރާމް ކުރައްވާ!" ށެވެ.
ކޮވިޑް 19ގެ ތާޒާ މައުލޫމާތު ދިނުމަށް ސަރުކާރުގެ ތަރުޖަމާނު ދުވާލަކު ދެ ފަހަރު ނޫސްވެރިންގެ ބައްދަލުވުން ބާއްވަވާ އިރު، ހާޒިރުވާ ކޮންމެ ނޫސްވެރިޔަކަށް ދެއްވަނީ އެއް ސުވާލު ކުރުމުގެ ފުރުސަތެވެ. އެއް ނޫހަކުން ގިނަ ނޫސްވެރީން ގޮސް ތިބި ނަމަވެސް އެއިން ކޮންމެ ނޫސްވެރިޔަކަށް ވަކި ވަކީން ފުރުސަތު ދެއްވަ އެވެ. މީގެ އިތުރުން، ކުރީ ދުވަހުގެ މައުލޫމާތާއި ހިނގަމުންދާ ދުވަހުގެ ތާޒާ މައުލޫމާތު ހިމެނޭ ކަރުދާހެއް ނޫސްވެރީންނަށް ލިބެ އެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ގަވައިދުން ޓުވީޓު ކުރައްވަމުންނެވެ.
ސަރުކާރުގެ ތަރުޖަމާނު، މަބުރޫކް ވިދާޅުވެފައިވާ ގޮތުގައި، ނޫސްވެރީންގެ ބައްދަލުވުމުގެ ފަހުން ވެސް ނޫސްވެރިޔަކު ސުވާލެއް ކުރައްވައިފި ނަމަ، އެ ސުވާލަކަށް ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި ގެންދަވަނީ ޖަވާބު ދެއްވަމުންނެވެ.