ކޮވިޑް 19

ޗައިނާއިން މިއަދު ރާއްޖެ އައި ދިވެއްސަކު ކަރަންޓީނު ކުރަނީ

ޗައިނާއިން މިއަދު ރާއްޖެ އައި ދިވެއްސަކު ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ، މި ދިވެހި މީހާ ކަރަންޓީނު ކުރަނީ ރައްކާތެރި ވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ އުސޫލުގެ ދަށުން ކަމަށާއި އެ ގޮތުން އޭނާ 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރާނެ ކަމަށެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން ވެސް ފެނި، އެ ބައްޔަށް އަށް މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ރާއްޖޭން މި ބައްޔަށް ޕޮޒިޓިވް ވި އަށް މީހުންނަކީ ވެސް ބިދޭސީންނެވެ. އަދި އެ އެންމެންނަށް ވެސް ބަލި ޖެހިފައި ވަނީ ރިސޯޓުތަކުންނެވެ.

ކޮރޯނާ ވައިރަހުގެ ކޮވިޑް19 ޖެހިގެން 4200 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 118000 އަށްވުރެ މައްޗަށް އަރާފަ އެވެ.

މި ބަލީން ރައްކާތެރިވުމަށް ޓަކައި، އާންމުން ހޭލުންތެރި ކުރުވުމަށް ޓަކައި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފަ އެވެ.