ސްކޫލުތައް ވަގުތީ ގޮތުން ބަންދުކުރުމަށް ޓީޗަރުންގެ ޖަމިއްޔާއިން ވެސް ގޮވާލައިފި އެވެ.
ޓީޗަރުންގެ ޖަމިއްޔާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް(ކޮވިޑް19) އާ ގުޅިގެން ސިއްހީ ތަޖުރިބާކާރުން ލަފާދީފައިވާތީ އަޅާ ފިޔަވަޅެއްގެ ގޮތުގައި މިވަގުތަށް ސްކޫލްތައް ހުޅުވުން މަޑުޖައްސާލުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖެހޭނީ ދަރިވަރުންނާއި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ ސިއްހަތަށް ކަމަށެވެ.
ޓީޗަރުންގެ ޖަމިއްޔާއިން މިހެން ބުނެފައިވާއިރު މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުންވެސް ވަނީ ކުޑަކުދިން ސްކޫލަށް ފޮނުވުމާއި އެކުދިން ބައިވެރިކޮށްގެން ހިންގާ ހަކާތްތައް ހުއްޓާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް19 އާ ގުޅިގެން ސްކޫލުތައް ބަންދުކުރަން ސަރުކާރުން ނިންމާނީ ކިހާތާކުތޯ ނޫސްވެރިން ސުވާލުކުރުމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ސަރުކާރުން އެކުލަވާލާފައިވާ ސްޓެރެޓަޖިކް އެކްޝަން ޕްލޭނުގައި ވަކި ހާލަތްތަކުގައި އެއްވެ އުޅުމާ ގުޅޭގޮތުން އަމަލުކުރަން ޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ މިހާތަނަށް އެއްވެ އުޅުން ހުއްޓުވައި ސްކޫލުތައް ބަންދު ކުރާ ހާލަތުގައި އެއްވެސް ރަށެއް ނެތް ކަމަށެވެ.
ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭނުގައިވާ ގޮތުން ސްކޫލުތައް ބަންދު ކުރެވޭނީ އޮރެންޖު ނުވަތަ ރެޑް އެލާޓު ލެވެލްގައެވެ. އެ އެ އެލާޓު ލެވެލްގައި މިވަގުތު މީހުން ދިރިއުޅޭ އެއްވެސް ރަށެއް ނެތް ކަަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް19 އާ ގުޅިގެން ކުޑަކުދީންގެ ހާއްސަ ޑޮކްޓަރު، ޑރ. ނިޔާފް ވިދާޅުވެފައިވަނީ މި ވަގުތުގެ ހާލަތަށް ބަލާ އިރު އެންމެ ބުއްދިވެރި ގޮތަކީ ސްކޫލުތައް ބަންދުކޮށްފައި ބޭއްވުން ކަމަށެވެ. އަދި ކުޑަކުދީން ގެއިން ބޭރަށް ނުގެންދިޔުމަށް ވެސް ޑރ. ނިޔާފް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ކޮވިޑް 19 ޖެހިފައިވާ އަށް މީހަކު ރާއްޖޭން މިހާ ތަނަށް ފެނިފައިވާ އިރު، އިތުރު މީހުންނަށް އެކަހެރިކޮށްގެންނާއި ކަރަންޓީނުކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. މި ހާލަތުގައި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި މީހުން އެއްވާ ފަދަ ހަރަކާތްތައް ވެސް ނުހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އެޗްޕީއޭގެ މި އިލްތިމާސާއި ގުޅިގެން ރާއްޖޭގައި އެކި މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން ހިންގާ އެފަދަ ގިނަ ހަރަކާތްތައް ވަނީ ހުއްޓާލާފަ އެވެ.