ކުއްލި ޚަބަރު

ކުރަމަތި ރިސޯޓުން ދެ މީހަކު ޕޮޒިޓިވް ވެ، ރާއްޖޭގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު އަށަކަށް އަރައިފި

އަލީ ޔާމިން

ކުރަމަތި ރިސޯޓުން ދެ މީހަކު ޕޮޒިޓިވް ވެ، ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ބުނީ، ކުރަމަތި ރިސޯޓުން ސާމްޕަލް ނެގި ބިދޭސީ ދެ މީހުން ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ މީހުންނާ ކޮންޓެކްޓު ވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް 19ގެ އަލާމާތްތައް ހުރި މީހަކު ފެނުމުގެ ސަބަބުން އިއްޔެއިން ފެށިގެން އެ ރިސޯޓު އޮތީ ވަގުތީ ގޮތުން އަރައި ފޭބުން މަނާކޮށްފައެެވެ.

ރާއްޖެއިން ކޮވިޑް 19 އެންމެ ފުރަތަމަ ފެނުނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު އއ. ސޭންޑީސް ބަތަލާއިން ދެ ފަތުރުވެރިޔަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވް ވެފައެވެ. އެ އެންމެންނަކީވެސް ބިދޭސީންނެވެ.

ކޮވިޑް 19އާ ގުޅިގެން ކުރަމަތި ރިސޯޓާއެކު ސޭންޑީސް ބަތަލާ އަދި ކުރެއްދޫވެސް އޮތީ ވަގުތީ ގޮތުން މީހުން އަރައި ފޭބުން މަނާކޮށްފައެވެ.