ކޮވިޑް 19

ކޮވިޑް 19 ރާއްޖޭގައި ފަތުރަން ފުރުސަތުދިން މަހުޖަނަށް ތަހުގީގު ހިންގާއިރު ހުންނަން ޖެހޭނީ ޖަލުގައި: މީކާއީލް

އިބްރާހިމް ޒަކީ

4

އެނގިހުރެ ކޮރޯނާ ވައިރަސް ރާއްޖޭގައި ފަތުރަން ފުރުސަތު ދިން މަހުޖަނާ މެދު ޖިނާއީ ތަހުގީގު ހިންގަމުންދާއިރު އޭނާ ހުންނަން ޖެހޭނީ ކުޑަ ގޮޅީގައި ހައްޔަރު ކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، ބާރު މިނުގައި ނުރައްކާތެރި ކަމާއެކު ފެތުރެމުންދާ ބޮޑު ބައްޔެއް އެނގިހުރެ ރާއްޖޭގައި ފެތުރެން ދޫކޮށްލުމަކީ ބޮޑު ކުށެއް ކަމަށެވެ. އަދި ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނު ގަބޫލު ކުރަނީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފަތުރަން އެނގި ހުރެ އެ ފުރުސަތުދިން މަހުޖަނު މީހާގެ ތަހުގީގު ހިންގަމުން އަންނައިރު އޭނާ ހުންނަން ޖެހޭނީ ކުޑަ ގޮޅީގައި ހައްޔަރު ކޮށްފަ،" މީކާއިލް ވިދާޅުވިއެވެ.

ނަމަވެސް އެނގިހުރެ އެފަދަ ނުރައްކާތެރި ބައްޔެއް ފަތުރަން ދޫކޮށްލި މަހުޖަނު މީހާ، ރިސޯޓު އޯނަރާ މެދު ތަހުގީގެއް ހިނގަމުން އަންނަ އިރު އޭނާ ދޫކޮށްލާފައި ބެހެއްޓުމަކީ ކޮންކަހަލަ އިންސާފެއްްތޯ ވެސް މީކާއިލް ސުވާލު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ހެއްކަށް ނުފޫޒު ފޯރުވުމުގެ ހުރިހާ ވަސީލަތެއް ހުންނާނީވެސް މަހުޖަނުގެ އަތުގައި ކަމަށެވެ. އެހެންކަމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެއްގޮތަކަށް ވެސް އޭނާއަށް ދީގެން ނުވާނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއީލްގެ ވާހަކައިގައި ޝާރާތް ކުރެއްވި މަހުޖަނަކީ ކާކުކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

މީކާއީލް އެގޮތަށްް ވާހަކަ ދައްކަވާފައިވާއިރު، ރާއްޖޭގައި ކޮވިޑް 19 ފެތުރިގެން ދިއުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވަނީ ފުލުހުންނަށް އަންގަވައިފައެވެ.

ޕީޖީ ޝަމީމް ފުލުހުންނަށް މި ފަދަ ތަހުގީގެއް ހިންގަން އެންގެވި އިރު، ޅ. ކުރެއްދޫން ފުރައިގެން ދިޔަ ފަހުން ކޮރޯނާއަށް ޕޮޒިޓިވް ވި މީހާގެ މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އެ މީހާ ބަލިވެ ތަކުރާރުކޮށް ޑޮކްޓަރަށް ދެއްކި ކަމަށާއި އެއާޕޯޓަށް ގޮސް ފުރަތަމަ ނުފުރުނީ ބަލި ބޮޑުކަމުން ކަމަށް ބުނެވެސް ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. އަދި އޭނާ މާލެ އައިސް މާގިރި ހޮޓަލުގައި ވެސް ދެދުވަސް ހޭދަކުރި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟