އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރު އަދި އެ ގައުމުގެ މަޖިލިސް މެންބަރު ނަދީން ޑޯރިސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ.
މިބައްޔަށް ފުރަތަމަ ޕޮޒިޓިވްވި މަޖިލިސް މެންބަރުގެ ގޮތުގައި ނަދީން ވިއިރު، އެކަމަނާ ވިދާޅުވީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުއްވި ކަމަށެވެ.
ޔޫކޭގެ ހެލްތު މިނިސްޓަރު ނަދީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެގައުމުގެ ޕަބްލިކް ހެލްތުން މިހާރު ގެންދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެންމެ ހިތާމަ ކުރައްވަނީ އެކަމަނާގެ މަންމާފުޅު، 84، އެކުގައި އުޅުއްވާތީއާއި އަންގާރަ ދުވަހުން ފެށިގެން ކެއްސަން ފައްޓަވާފައިވާތީ ކަމަށެވެ.
ޔޫކޭގެ ހެލްތް ޑިޕާޓްމަންޓުން ބުނީ މިނިސްޓަރުގެ ފުށުން އަލާމާތްތައް ފުރަތަމަ ފެންނަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެއީ ބޮޑު ވަޒީރު ބޭއްވެވި އިވެންޓެއްގައި ހުންނަވަނިކޮށް ކަމަށެވެ. އަދި މިދިޔަ ހުކުރު ދުވަހުން ފެށިގެން އެކަމަނާ ހުންނެވީ އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން ކަމަށެވެ.
ޔޫކޭގައި މިހާރު 382 މީހުން މިބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު ހަ މީހުން ވަނީ މަރުވެފައެވެ. ޔޫކޭއިން ބުނީ އެންމެފަހުން އެގައުމުން މިބަލީގައި މަރުވީ 80 އަހަރުގެ މީހެއް ކަމަށެވެ. އެމީހާއަކީ އިތުރު ސިއްހީ މައްސަލަތަކެއްވެސް ހުރި މީހެއްކަމުގައި އެގައުމުން ފާހަގަކުރެއެވެ.
ޔޫކޭގައި ބަލި ފެތުރިގެންދާ ގޮތާމެދު ކަންބޮޑުވެ އެގައުމުގެ އިކޮނޮމީއަށްވެސް އެކަމުގެ އަސަރު ކުރާނެތީ ބަޖެޓް ހުށަހެޅުންވެސް ސަރުކާރުން ވަނީ ލަސްކޮށްފައެވެ.
އެގައުމުގެ ޗާންސެލަރު ރިޝީ ސުނަކް ވިދާޅުވީ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ބޭނުން ކުރަން ޖެހުނު ހުރިހާ ރިސޯސެއް ބޭނުން ކޮށްގެން ވިޔަސް ގައުމަށް މިދަނޑިވަޅުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން މީހުން އިތުރަށް އިންފެކްޝަނަށް ޓެސްޓު ކުރެވޭނެ ގޮތަށް އެންއެޗްއެސްގެ ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ޗާންސެލާ ވިދާޅުވިއެވެ.