ކުއްލި ޚަބަރު

ރީތި ރަށް ރިސޯޓުން ކޮރޯނާއަށް ޝައްކު ވެގެން ސާމްޕަލް ނެގީ ކުޑަ ކުއްޖެއްގެ

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކޮވިޑް 19ގެ އަލާމާތްތައް ފެނިގެން ކަރަންޓީނު ކޮށްފައިވަނީ ކުޑަ ކުއްޖެއްކަން ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑް 19ގެ ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ސަރުކާރުން ދުވާލަކު ދެ ފަހަރު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިރޭ ބޭއްވި ބައްދަލުވުމުގައި ހާލަތާގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ވިދާޅުވީ އެ ކުއްޖާގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށެވެ.

ނަމަވެސް އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެއެވެ. އެ ނަތީޖާ ލިބެންދެން އެ ރިސޯޓަށް އަރައި ފޭބުން ވަގުތީ ގޮތުން ވަނީ ހުއްޓުވައިފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ހަ މީހުންނެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މީހަކާއި ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

މަބުރޫކު އިތުރަށް ވިދާޅުވީ، މިހާތަނަށް 73 މީހެއްގެ ސާމްޕަލް ނެގިފައިވާއިރު އޭގެ ތެރެއިން ހަ މީހުންނަކީ ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި 65 ސާމްޕަލް ނެގެޓިވް ވެފައިވާއިރު އިތުރު ދެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި މިވަގުތު 15 މީހުން އެބަ ތިބި ކަމަށާއި ވިލިވަރުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ނުވަ މީހަކު އެބަ ތިބި ކަމަށް މަބުރޫކު ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ފަސް ރަށަކަށް ވަނީ އަރައި ފޭބުން މަނާކޮށްފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ވިލަމެންދޫ އައިލެންޑް ރިސޯޓާއި ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓާއި ކުރަަމަތި މޯލްޑިވްސްގެ އިތުރުން ރީތި ރަށް ރިސޯޓެވެ.

މި ރަށްތަކުގެ ތެރެއިން އޮރެންޖު އެލާޓަށް ހާލަތު މަތިކޮށްފައިވަނީ ކުރެއްދޫގައި އެކަންޏެވެ.