ކޮވިޑް 19 ރާއްޖެއިން ފެނިފައިވާތީ ސުކޫލުތައް ވަގުތީ ގޮތުން ބަންދު ކުރުމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ގޮވާލައިފިއެވެ.
އެމްއެމްއޭން އެގޮތަށް ގޮވާލާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ހެލްތު މިނިސްޓްރީގެ އިތުރުން ރައީސް އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީ ޓެގުކޮށް މިރޭ ކުރި ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި ބުނެފައިވަނީ، ކޮވިޑް 19 ރާއްޖެއިން ފެނިފައިވާތީ އެބަލި ކޮންޓްރޯލް ކުރުމަށް ސުކޫލުތައް ހިމެނޭ ގޮތަށް އާންމު އެއްވުންތައް ނުބޭއްވުމަށް އެ އެސޯސިއޭޝަނުން ވަރަށް ގަދައަށް ބާރު އަޅާ ކަމަށެވެ.
އެމްއެމްސީއޭން އެގޮތަށް ގޮވާލާފައި މިވަނީ ސްކޫލުތަކުގެ މިޑް ޓާމް ޗުއްޓީއަށްފަހު އަންނަ ހަފްތާގައި ސްކޫލުތައް ނުހުޅުވުމަށް ރާއްޖޭގެ ބައެއް ޑޮކްޓަރުން ވެސް އިރުޝާދު ދެއްވާފައި ވަނިކޮށެވެ.
އެގޮތުން އޭޑީކޭގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އެ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވެސް ވަނީ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ސްކޫލުތައް ބަންދުކޮށްފައި ބޭއްވުމަކީ މި ވަގުތަށް ބަލާ އިރު އެންމެ ރައްކާތެރި ގޮތް ކަމަށް ވިދާޅުވެފައެވެ.
ޑރ. ނިޔާފް ވިދާޅުވީ، ސްކޫލްތައް ބަންދުކޮށްފައި ބޭއްވުމާއެކު، ކިޔަވައި ދެވޭނެ އެހެން ގޮތްތައް ހޯދުމަކީ މި ވަގުތަށް ބަލާއިރު އެންމެ ބުއްދިވެރި ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން އޮންލައިން ޕްލެޓްފޯމަކީ ބޭނުންކުރެވިދާނެ ގޮތެއް ކަމަށާއި ވަކީން ހާއްސަކޮށް މަތީ ގުރޭޑްތަކާއި ކޮލެޖު ފަދަ ތަންތަނުގައި ކިޔަވާ ދަރިވަރުންނަށް އެ ގޮތް އިހުތިޔާރު ކުރެވިދާނެ ކަމަށް ޑރ. ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ކޮވިޑް 19 އާގުޅިގެން އަޅާ ރައްކާތެރިިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޑަކުދީން ގެއިން ބޭރަށް ނުގެންދިޔުމަށް ވެސް ޑރ. ނިޔާފް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ނަމަވެސް ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މަބޫރު އަޒީޒު ވިދާޅުވީ، ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާގެ އިރުޝާދާއެކު ވައިރަހާ ގުޅިގެން ކަނޑައަޅަންޖެހޭ އެލާޓް ލެވެލްތަކެއް އެބަހުރި ކަމަށާއި އެ ފިޔަވަޅުތައް އަޅަމުންދަނީ ވަރަށް ރަނގަޅަށް ހާލަތު ބެލި ދިރާސާ ކުރެވިގެން ކަމަށެވެ.
އެގޮތުން ސްކޫލްތައް ބަންދުކުރަންޖެހޭ ހާލަތަކަށް އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުދާ ކަމަށް މަބުރޫކު ގެންދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.