އއ. ސޭންޑީސް ބަތަލާ ރިސޯޓުން ޕޮޒިޓިވްވި މީހަކު ގާތުން މޮނީޓާ ކުރަންޖެހޭތީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19 އާގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ކަނޑައަޅުއްވާފަިއ ހުންނަވާ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލަށް ގެންނަނީ ބަތަލާ ރިސޯޓުން އިއްޔެ ޕޮޒިޓިވްވި އިޓަލީގެ ދެމަފިރިންގެ ތެރެއިން 70 އަހަރުގެ މީހާ ކަމަށެވެ. އަދި އެއީ ދެމަފިރިން ކަމުން ދެ މީހުން ވެސް ދަރުމަވަންތަ ހަޮސްޕިޓަލަށް ގެންނާނެ ކަމަށް ވިދާޅުވިއެވެ.
މަބުރޫކު ވިދާޅުވީ، އުމުރުން 70 އަހަރުގެ މީހާއަކީ ގާތުން މޮނީޓާ ކުރަންޖެހޭ މީހެއް ކަަމަށް ޑޮކްޓަރުންގެ ޓީމަށް ފެންނާތީ އޭނާ ގެނެސް ފަރުވާދޭނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ހުންނަ ނޭވާލުމުގެ މައްސަލަތަކަށް ހާއްސަ ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ފެސިލިޓީއެއްގައި ކަމަށް ވިދާޅުވިއެވެ.
އެ ޕޭޝަންޓުގެ އިތުރު މައުލޫމާތު ދެއްވަމުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޑރ. މުއާޒު މޫސާ ވިދާޅުވީ، ޑޮކްޓަރުންގެ ޓީމުން އުމުރުން 70 އަހަރުގެ މީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރަން ނިންމީ ދުވަސްވީ މީހުންނަކީ ކޮވިޑް 19ގެ ހައި ރިސްކު ކެޓަގަރީއަށް ފެތޭ މީހުން ކަމަށްވާތީ ކަމަށެވެ.
ބަތަލާ ރިސޯޓުން ދެ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާކަން ސަރުކާރުން ހާމަކުރީ އިއްޔެއެވެ. އަދި އެމީހުން މިއަދާ ހަމައަށް ބައިތިއްބާފައި ތިބީ ފަރުކޮޅުފުށީގައެވެ.
އެ ދެކޭސް ފެނުމާއެކު ސަރުކާރުން ވަނީ ބަތަލާ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައެވެ. ނަމަވެސް އެ ރިސޯޓުގެ އެލާޓް ލެވެލް މަތިކޮށްފައެއް ނުވެއެވެ.
ނަމަވެސް އެ ރިސޯޓުން ޕޮޒިޓިވްވެފައިވާ ދެ މީހުންނާ "ކުލޯސް ކޮންޓެކްޓްސް" ވެފައިވާތީ އާއި ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ބަތަލާ ރިސޯޓުން އިތުރު ދެ މީހަކު މިއަދު ވަނީ އެކަހެރި ފެސިލިޓީއަކަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެޗްޕީއޭ އިން ބުނާ ގޮތުގައި އެ ދެމީހުންނަކީ ވެސް ބިދޭސީންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19ގެ ހަ މީހުން ވަނީ ފެނިފައެވެ. އެއީ ބަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެ މީހުންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވްވި ހަތަރު މީހުންނެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.
ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ފަސް ރަށަކަށް ވަނީ އަރައި ފޭބުން މަނާކޮށްފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ވިލަމެންދޫ އައިލެންޑް ރިސޯޓާއި ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓާއި ކުރަަމަތި މޯލްޑިވްސްގެ އިތުރުން ރީތި ރަށް ރިސޯޓެވެ.
މި ރަށްތަކުގެ ތެރެއިން އޮރެންޖު އެލާޓަށް ހާލަތު މަތިކޮށްފައިވަނީ ކުރެއްދޫ އެކަންޏެވެ.