ކުއްލި ޚަބަރު

ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ ކޮންޓެކްޓުވި ކުރެއްދޫ ރިސޯޓުގެ ދިވެހި މުވައްޒަފަކު ކަރަންޓީން ކުރަނީ

ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސަކު ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސަކު ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އޭނާ ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދަނީ ރައްކާތެރިކަމުގެ ފިޔަަވަޅެއްގެ ގޮތުން ކަމަށެވެ.

ކޮވިޑް 19ގެ އަލާމާތްތައް ހުރުމުން ކުރެއްދޫން މިއަދުގެ ވަގުތެއްގައި އިތުރު ދެ މީހަކު ވެސް ވަނީ ފަރުކޮޅުފުއްޓަށް ގެނެސްފައެވެ.

ކުރެއްދޫ ރިސޯޓަކީ ރާއްޖެއިން އެންމެ ފުރަތަމަ އަށް އަރައި ނުފޭބޭ ގޮތަށް ބަންދުކުރި ރަށެވެ. އެއީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް އިޓަލީއަށް ދިޔަ ޓޫރިސްޓެއްގެ ގައިން ކޮރޯނާވައިރަސް ފެނުނުކަން އެ ގައުމުން އެންގުމާ ގުޅިގެންނެވެ.

އެއަށްފަހު ކޮރޯނާއަށް ޕޮޒިޓިވްވި ޓޫރިސްޓް މީހާއާ ކޮންޓެކްޓްވި އެންމެން ހޯދައި ބެލި ބެލުމުން އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ. އަދި އިތުރު ބައެއްގެ ސާމްޕަލްތަކެއް ނަގައި ހެދި ޓެސްޓުތަކުން އިތުރު ދެ ބިދޭސީއަކު އިއްޔެ ވަނީ ޕޮޒިޓިވް ވެފައެވެ.

މި ހަތަރު ކޭސްގެ އިތުރުން އއ. އަތޮޅުގައި އޮންނަ ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީގެ ދެ ފަތުރުވެރިއަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު އެބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ ހައަކަށް އިތުރުވެފައެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު 15 މީހަކު އެބަ ތިއްބެވެ.