ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ވެސް ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ރީތި ރަށުގައި ހުރި މީހެއްގެ ފަރާތުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، ކަރަންޓީނުކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ރިސޯޓަށް އަރައި ފޭބުން ވަގުތީ ގޮތުން ހުއްޓާލެވިފައިވާ ކަމަށް މައުލޫމާތުދެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19ގެ ހަ ކޭސް ފެނިފައިވެއެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އަދި ރީތި ރަށާއެކު މިހާތަނަށް ފަސް ރަށަކަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.
އެއީ ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓާއި އދ. އަތޮޅުގައި އޮންނަ ވިލަމެންދޫ އައިލެންޑް ރިސޯޓާއި އއ. އަތޮޅުގެ ދެ ރިސޯޓު ކަމަށްވާ ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓާއި ކުރަަމަތި މޯލްޑިވްސް އެވެ.
މި ރިސޯޓުތަކުގެ ތެރެއިން ކުރެއްދޫން ކޮވިޑް 19 އަށް ޕޮޒިޓިވް ހަތަރު ކޭސް ފެނިފައިވާއިރު އެ ރަށުގެ ހާލަތު ވަނީ އޮރެންޖު ލެވަލް އަށް މަތިކޮށްފައެވެ. އަދި ބަތަލާ އިން ވަނީ ދެ ކޭސް ފެނިފައެވެ.
ހެލްތު މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިވަގުތު ފަރުކޮޅު ފުށީ ނުވަ މީހަކު އެކަހެރިކޮށްފައި އެބަ ތިއްބެވެ. އަދި ކަރަންޓީނުގައި މިވަގުތު އެކަކު ވެސް ނެތެވެ.