އއ. އަތޮޅުގައި އޮންނަ ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ދެ މީހެއްގެ ފަރާތުން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އެ ދެމީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށްފައިވާ ބަތަލާ ރިސޯޓުން ވެސް ކޮވިޑް 19 އަށް ޕޮޒިޓިވްވި ދެ މީހަކު ވަނީ އިއްޔެ ފެނިފައެވެ. އެއީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީގެ ދެ ފަތުރުވެރިންނެވެ.
އެޗްޕީއޭ އިން ބުނީ، އެ ރިސޯޓުން އިތުުރު ދެ ބިދޭސީއެއްގެ ފަރާތުން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން އެ ދެމީހުން އެކަހެރި ފެސިލިޓީއަކަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ދެމީހުންނަކީ ކުރިން ޕޮޒިޓިވްވެފައިވާ ދެ ކޭސްއެއްގެ "ކުލޯސް ކޮންޓެކްޓްސް" ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ ހަ މީހުންނެވެ. އޭގެ ތެރެއިން ދެ މީހުން ބަތަލާ ރިސޯޓުން ޕޮޒިޓިވް ވެފައިވާއިރު އަނެއް ހަތަރު މީހުން ޕޮޒިޓިވް ވެފައިވަނީ ޅ. އަތޮޅު ކުރެއްދޫ ރިސޯޓުންނެވެ. ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރު ވެސް ހިމެނެއެވެ.
އެއާއެކު ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށް، އެ ރިސޯޓުގެ ހާލަތު މިހާރު ވަނީ އޮރެންޖު އެލާޓްގައެވެ. އަދި މުޅި ރާއްޖޭގެ ހާލަތު ވަނީ ޔެލޯ އެލާޓަށް މަތިކޮށްފައެވެ.
ބަތަލާ ރިސޯޓާއި ކުރެއްދޫ ރިސޯޓުގެ އިތުރުން ދެ ރިސޯޓަކަށް ވެސް އަރައި ފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ. އެއީ އދ. އަތޮޅުގައި އޮންނަ ވިލަމެންދޫ އައިލެންޑް ރިސޯޓާއި އއ. އަތޮޅުގައި އޮންނަ ކުރަމަތި މޯލްޑިވްސްއެވެ.