ކޮވިޑް 19

ކުރެއްދޫ ރިސޯޓުން ކޮވިޑް 19ގެ އަލާމާތްތައް ހުރި އިތުރު ދެ މީހަކު އައިސޮލޭޝަން ފެސިލިޓީއަށް ގެންނަނީ

ކުރެއްދޫ ރިސޯޓުން ކޮވިޑް 19ގެ އަލާމާތްތައް ހުރި އިތުރު ދެ މީހަކު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ކޮވިޑް 19ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރު ގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮވިޑް 19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މިހާރު އަރައި ފޭބުން ހުއްޓުވާފައި ހުރި ރަށްތަކުގެ ތެރޭގައި ބަތަލާ ރިސޯޓާއި ކުރެއްދޫ އައިލެންޑް ރިސޯޓު ހިމެނޭ ކަމަށެވެ.

މީގެ ތެރެއިން ކުރެއްދޫ ރިސޯޓުން ފަސް މީހަކު ފަރުކޮޅުފުށީގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ތިން މީހަކީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައި ތިބި މީހުން ކަމަށެވެ. އަދި އަނެއް ދެ މީހުންނަކީ އާލާމާތްތައް ހުރި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މި އެންމެންނަކީވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ދިޔަ ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވި ފަތުރުވެރިޔާއާ ކްލޯސް ކޮންޓެކްޓް ހުރިކަން އެނގިގެން އެކަހެރިކޮށްފައި ބޭތިއްބި މީހުން ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެ މީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންނަނީ ޑޮކްޓަރުންގެ ޓީމެއްގެ ލަފާގެ މަތިން ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ހަ މީހަކު ޕޮޒިޓިވްވެފައެވެ.