ކޮވިޑް 19

ކޮވިޑް 19 : ފްލޫ އަދި ޓްރެވެލް ކްލިނިކެއް މާލޭގައި ހުޅުވައިފި

އަލީ ޔާމިން

ކޮވިޑް 19 އާ ގުޅިގެން މާލޭގައި ފުލޫ ކްލިނިކެއްގެ އިތުރުން ޓްރެވެލް ކްލިނިކެއް ހުޅުވައިފިއެވެ.

ކޮވިޑް 19އާ ބެހޭ ގޮތުން މީޑިޔާތަކަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާވައިރަހާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ފްލޫ ކްލިނިކް ގާއިމްކޮށްފައިވަނީ ސެނެހިޔާގައި ކަމަށެވެ. އަދި ޓެވެލް ކްލިނިކް ގާއިމް ކުރެވިފައިވަނީ ސިނަމާލެ 2 ހުންނަ ޖާގައިގައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ ފްލޫ ކުލިކުން ހިދުމަތް ދޭނީ ޓެވެލް ހިސްޓޮރީއެއް ނެތް އެހެންނަމަވެސް ރޯގާގެ އަލާމާތްތައް ހުރި ފަރާތްތަކަށް ކަމަށެވެ.

"ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ފަރާތެއް ޓްރެވެލް ހިސްޓްރީއެއް ނެތް، މާނައަކީ ހައިރިސްކް ގައުމަކަށް ފާއިތުވި 14 ދުވަހުގެ ތެރޭގައި ޓްރެވަލް ކުރުމުގެ ހިސްޓޮރީއެއް ނެތް އެހެންނަމަވެސް ރޯގާގެ އަލާމާތެއް ހުރި ފަރާތެއްވިއްޔާ ފަރުވާ ދޭ ކްލިނިކެއް" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން ގާއިމް ކުރި ޓުރެވެލް ކްލިނިކްގެ ހިދުމަތް މިއަދު ހެނދު 10:00 ޖެހީއިރު ފަށާފައިވާ ކަމަށާއި އެ ކްލިނިކުން 24 ގަޑިއިރު ހިދުމަތް ދޭނެ ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ހަތަރު ރިސޯޓެއް ލޮކްޑައުންކޮށްފައިވާއިރު، ރާއްޖެއިން ހަ މީހަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ.