ކޮވިޑް 19

ކުރަމަތި ރިސޯޓުން ކޮވިޑް 19ގެ އަލާމާތްތައް ފެނުނު މީހަކު އެކަހެރިކޮށް، ރިސޯޓް ވަގުތީގޮތުން ބަންދުކޮށްފި

އަލީ ޔާމިން

ކުރަމަތި ރިސޯޓުން ކޮވިޑް 19ގެ އަލާމާތްތައް ފެނުނު ބިދޭސީއަކު އެކަހެރިކޮށް، އެ ރިސޯޓަށް އަރައިފޭބުން ވަގުތީ ގޮތުން ބަންދު ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކުރަމަތި ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާ ގުޅިގެން އިތުރަށް މޮނީޓާ ކުރުމަށާއި ބަލަން ޖެހޭ ކަންތައް ބެލުމަށް އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ވަގުތީ ގޮތުން އެ ރިސޯޓް ލޮކްޑައުން ކޮށްފައިވާ ކަމަށެވެ.

ބަލީގެ އަލާމާތްތައް ފެނިފައި ވަނީ އެ ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ދިޔަ ދެމަފިރިންގެ ތެރެއިން އެކަކުގެ ގައިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ހަ މީހެކެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުން ކޮވިޑް 19އަށް ޕޮޒިޓިވްވި ހަތަރު މީހަކާއި އއ. ބަތަލާ އިން ޕޮޒިޓިވް ވި ދެ މީހެކެވެ.

ކޮވިޑް 19 އާ ގުޅިގެން ކުރަމަތި ހިމެނޭހެން މިވަނީ ރާއްޖޭގެ ހަތަރު ރިސޯޓަކަށް ވަގުތީ ގޮތުން އަރައިފޭބުން މަނާކޮށްފައެވެ.