ކޮވިޑް 19

ކޮރޯނާވައިރަސްގެ އަލާމާތްތައް ފެންނަން އާންމުގޮތެއްގައި ފަސް ދުވަސް ނަގާ: އެމެރިކާގެ ސައިންސްވެރިން

މިންހާ ފާއިޒް ރަޝާދު

ކޮރޯނާވައިރަސްގެ އަލާމާތްތައް އާންމުގޮތެއްގައި ފެންނަން ފަސް ދުވަސް ނަގާކަމަށް ދިރާސާއިން ދައްކައިފިއެވެ.

މިދިރާސާ ހަދާފައިވަނީ 181 މީހުންގެ ހަށިގަނޑުން ސާމްޕަލް ނަގައިގެން އެމެރިކާގެ ރިސާޗް ޓީމަކުންނެވެ.

ކޮރޯނާވައިރަހުން ޖެހޭ ބަލި ކޮވިޑް19 މުޅި ދުނިޔެއަށް ފެތުރި މިހާތަނަށް 111000 މީހުނަށް ޖެހިފައިވާއިރު އޭގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ކެއްސުން އަދި ނޭވާލާން އުނދަގޫ ވުން ހިމެނެއެވެ.

އެމެރިކާގެ ދިރާސާކުރާ ޓީމުން ވަނީ ޗައިނާ އާއި އެހެން ގައުމުތަކުގައި މިބަލި ޖެހިފައިވާ އެކި ކޭސްތައް އެނަލައިޒްކޮށް އިތުރަށް ބަލި ދެނެގަތުމުގެ މަސައްކަތް ކޮށްފައެވެ.

އެ ދިރާސާއިން ހާމަވި ގޮތުގައި ގިނަ މިހުންގެ ފުށުން ބަލީގެ އަލާމާތްތައް ފެންނަން ފަސްވަރަކަށް ދުވަސް ނަގައެވެ. އަދި 12ދުވަސްވާއިރު އެއްވެސް އަލާމާތެއް ނުފެނިއްޖެ ނަމަ ދެން ބަލީގެ އިތުރު އަލާމާތްތައް ނުފެނުނު ނަމަވެސް އޭގެ ފަހުން ވެސް އެމީހެއްގެ ހަށިގަނޑުގައި ވައިރަސް ހުރުން އެކަށީގެންވާ ކަމަށް އެ ދިރާސާއިން ހާމަވިއެވެ.

އެހެން ކަމުން ބަލީގެ އަލާމާތެއް ނުފެނުނު ކަމުގައިވިޔަސް އެއްވެސް ގޮތަކަށް ޝައްކު ވާނަމަ ނުވަތަ ބަލި މީހަކާ ކޮންޓެކްޓް ވެފައިވާ މީހެއް ކަމުގައި ވާނަމަ އެންމެ އެދެވޭ ގޮތަކީ 14 ދުވަސް ވަންދެން އެކަހެރިވެ ހުރުން ކަމުގައި ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ.

ދިރާސާ ކުރި ޓީމުގެ ލީޑް ޕްރޮފެސަރު ޖަސްޓިން ލެސްލަރ ވިދާޅުވީ އަދިވެސް ވައިރަހާ ބެހޭ ގޮތުން ދެނެގަންނަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.

ބަލި ޖެހޭ އެންމެން ސީރިއަސް ނުވާނެ ކަމަށާއި، ގިނަ ބައެއްގެ ފުށުން އަލާމާތްތައް ނުފެނުނު ކަމުގައި ވިޔަސް ހަށިގަނޑު ތެރޭގައި ވައިރަސް ހުރެދާނެކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.

މިބަލި ޖެހިގެން ސީރިއަސް ހާލަތަށް އާންމުގޮތެއްގައި ދަނީ އުމުރުން ދުވަސްވީ މީހުނާއި، ނޭވާލާ ނިޒާމަށް ޖެހޭ ބަލި ތަކާއި ހަކުރު ބަލި ފަދަ ބަލިތައް ހުންނަ މީހުންނަށެވެ.

އެހެންކަމުން ބަލިން ރައްކާތެރިވުމަށް ތިރީގައި އެވާ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން ލަފާދެ އެވެ.

  • ބަލިވެ އުޅޭ މީހުނާ ދުރުގައި އުޅުން
  • ލޮލާއި ނޭފަތް އަދި އަނގައިގައި އަތް ލުން މަދުކުރުން، އަދި އަތް ލާ އިރު ވެސް ރަނގަޅަށް އަތް ދޮވެގެން އަތް ލުން
  • ކެއްސައި ކިނބިހި އަޅާނަމަ ޓިޝޫ ބޭނުން ކުރުން، އަދި ބޭނުން ކުރި ޓިޝޫ ޑަސްޓްބިނަށް ލުމަށްފަހު އަވަހަށް އަތް ދޮވުން
  • ވީހާވެސް ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން