ކުއްލި ޚަބަރު

އިޓަލީ މީހާއާ ބައްދަލުވި ޔުނިވާސަލްގެ އަންހެން މުވައްޒަފާއި އިތުރު ދެ މީހެއްގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް

އިބްރާހިމް ޒަކީ

ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގައި ޓެސްޓްކުރި ތިން މީހެއްގެ ނަތީޖާ "ނެގަޓިވް" ކަމަށް ދައްކައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ އިރުކޮޅެއް ކުރިން ބުނީ އެމީހުންގެ ތެރޭގައި ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ، ޔުނިވަސަލް ޓިކެޓިންގ އޮފީހުގެ މުވައްޒަފަކާއި ށ. ފޯކައިދޫން ފަރުކޮޅުފުއްޓަށް ގެނައި މީހަކު ހިމެނޭ ކަމަށެވެ.

ތިންމީހަކު ކޮވިޑް 19 އަށް ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، އދ. ވިލަމަންދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ ދިވެހި މުވައްޒަފެއް ކޮވިޑް19 އަށް ޝައްކު ކުރެވޭތީ ޓެސްޓު ހެދުމަށް ޓަކައި ވަނީ އެކަހެރިކޮށްފަ އެވެ.

އެޗްޕީއޭއިން މިއަދު ބުނީ އދ. ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުން އަންނަ ދިވެއްސެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން ޓެސްޓު ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ކޮންޓެކްޓް ޓްރޭސިން އަދި މޮނީޓާކުރުމަށް ވަގުތީ ގޮތުން އެރަށް ލޮކްޑައުންކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް ހަ މީހަކު ޕޮޒިޓިވްވެފައި ވާއިރު، އދ. ވިލަމެންދޫ އައިލެންޑް ރިސޯޓުގެ އިތުރުން ޅ. ކުރެއްދޫ އައިލެންޑް ރިސޯޓު އަދި އއ. ސޭންޑީސް ބަތަލާ ރިސޯޓުވެސް ވަނީ ވަގުތީ ގޮތުން ލޮކްޑައުންކޮށްފައެވެ.