ކޮވިޑް 19

ޔޫކޭގައި ކޮވިޑް 19އާއި ގުޅުވައި، ދޮގު ޚަބަރު ފަތުރާ ޓުވިޓާ އެކައުންޓުތައް ބަންދު ކުރަނީ

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19އާއި ގުޅުވައިގެން ދޮގު ޚަބަރު ފަތުރާ ޓުވިޓާ އެކައުންޓުތައް ބަންދުކުރަން އިނގިރޭސިވިލާތުން ނިންމައިފި އެވެ.

މިގޮތަށް އެކައުންޓުތައް ބަންދުކުރުމަށް ނިންމީ އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިންނެވެ.

އެ ސާވިސްއިން ބުނީ ދޮގު ޚަބަރު ފަތުރާ ހުރިހާ އެކައުންޓުތަކެއް ބަންދު ކުރާނެ ކަމަށާއި، ރަސްމީ އެންއެޗްއެސްގެ ޓުވިޓާ، އިންސްޓަގްރާމް އަދި ފޭސްބުކް އެކައުންޓްތައް ހެކް ނުކުރެވޭ ގޮތަށް މޮނިޓާ ކުރަމުންދާނެ ކަމަށެވެ.

"އޮންލައިނުގައި ދޮގު ހަބަރު ފަތުރާ މީހުންގެ ފަރާތުން ސަލާމަތްވެ ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން." އެންއެޗްއެސްގެ ޗީފް އެކްޒެކެޓިވް ސަރ ސިމޮން ސްޓީވަން ވިދާޅުވިއެވެ.

ސިމޮން ވިދާޅުވީ މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ރަސްމީ އެންއެޗްއެސްގެ 800 އަށް ވުރެ އެކައުންޓް ތަކުގައި "ވެރިފައިޑް ފްލޭގް" ލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ގޫގުލް ސާޗްގައި ކޮރޯނާ ވައިރަސް ޖެހުމުން އެންއެޗްއެސްގެ ރަސްމީ ވެބްސައިޓްތައް ބޮޑަށް ފެންނާނެހެން ދެއްކޭނެ ގޮތްތައް ހެދުމަށް ގޫގުލްއާ އެކުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެންއެޗްއެސްއިން ބުންޏެވެ.

ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ދޮގު ޚަބަރު ފަތުރާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ހާއްސަ ޔުނިޓެއްވެސް ގާއިމްކޮށްފައެވެ. އެގައުމުގެ ހެލްތު ސެކްރެޓަރީ ވިދާޅުވި ގޮތުގައި އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ތެދު ޚަބަރު ފޯރުކޮށްދިނުމެވެ.