ކޮރޯނާ ވައިރަސްގެ ނުރައްކާ އިޓަލީއަށް ބޮޑުވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި އިޓަލީ ލޮކްޑައުންކޮށްފިއެވެ.
އިޓަލީ ސަރުކާރުން ވަނީ އެގައުމުގައި ދިރިއުޅޭ މީހުން ގެއިން ބޭރަށް ނުނިކުތުމަށް އަމުރު ކޮށްފައެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނަމަވެސް ހާއްސަ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.
އިޓަލީގެ ބޮޑުވަޒީރު ޖުސެއްޕެ ކޮންޓޭ ވިދާޅުވީ، މިވަގުތަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ އެންމެންވެސް ގޭގައި ތިބުން ކަމަށާއި ބަލި ޖެހޭ މީހުންނާއި، އެ ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށެވެ.
ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މުޅި އިޓަލީ ހިމާޔަތުގެ ޒޯނެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށާއި މިފަދަ ބޮޑު ނިންމުމެއް ނިންމަން ޖެހުނީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ ހައްގުގައި ކަމަށް ކޮންޓޭ ވިދާޅުވިއެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން އިޓަލީން އެޅި މި ފިޔަވަޅާ އެކު އެގައުމުން ބޭރަށް ދަތުރުކުރުންވެސް ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެ އެވެ.
ޗައިނާ ފިޔަވައި ކޮވިޑް 19ގެ ސަބަބުން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީގައެވެ. އެގޮތުން ކޮވިޑް 19 ޖެހިގެން އެގައުމުން ވަނީ 463 ވުރެ ގިނަ މީހުން މަރުވެފައެވެ. އަދި އެގައުމުގައި 9172 މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ.