ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވާ މީހަކާ ކޮންޓެކްޓްވި އަށް ބިދޭސީއަކު ކަރަންޓީނު ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.
އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ އަށް ބިދޭސީން ކަރަންޓީނު ފެސިލިޓީއަށް ގެންދަނީ ކޮވިޑް 19 ޖެހިފައިވާ މީހަކާ ކޮންޓެކްޓު ވެފައިވާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ހަ މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވް ވި ހަތަރު ބިދޭސީންނާއި، ސޭންޑީޒް ބަތަލާއިން ޕޮޒިޓިވް ވި އިޓަލީގެ ދެ ފަތުރުވެރިންނެވެ.
ކޮވިޑް 19 ގެ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްްގައި، ކޮވިޑް 19 އާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ، ކޮވިޑް 19 ޖެހިފައިވާ އިޓަލީގެ ފަތުރުވެރިޔާ ރާއްޖެއިން ފުރުމުގެ ކުރިން މާލޭގައި ހުންނަ މާގިރި ހޮޓަލުގައި ދެ ދުވަހު މަޑުކޮށްފައިވާ ކަމަށެވެ. އަދި އޭނާ މާގިރީގައި މަޑުކުރީ ފުރަން ދިޔުމުން ނުފުރުމުގެ ސަބަބުން މިމަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހު ކަމަށެވެ.
މާގިރި ހޮޓެލުން އެ މީހާއާ ކޮންޓެކްޓްވި 15 މުވައްޒަފަކު ވަނީ އެކަހެރިކޮށްފައެވެ. އަދި އެމިރޭޓްސްގެ ޓިކެޓިން އޮފީހުން އޭނާއާ މުއާމަލާތް ކުރި، ދިވެހި މުވައްޒަފެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުމުން އޭނާ ވަނީ އިއްޔެ ކަރަންޓީން ކޮށްފައެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މީގެ ކުރިން ވިދާޅުވީ، އިޓަލީ ފަތުރުވެރިޔާއާ ކޮންޓެކްޓުވި 175 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށެވެ.