ކޮވިޑް 19

ވިލަމަންދޫ ރިސޯޓުން ދިވެއްސަކު ކޮވިޑް 19އަށް ޓެސްޓު ކުރަނީ، ރިސޯޓު ވަގުތީ ގޮތުން ބަންދުކޮށްފި

އދ. ވިލަމަންދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ ދިވެހި މުވައްޒަފެއްގެ ގައިން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެންނާތީ ޓެސްޓު ހެދުމަށް ޓަކައި އެކަހެރިކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނީ އދ. ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުން އަންނަ ދިވެއްސެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ކޮންޓެކްޓް ޓްރޭސިން އަދި މޮނީޓާކުރުމަށް ވަގުތީ ގޮތުން އެރަށް ލޮކްޑައުންކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެެވެ.

މޮނިޓާ ކުރުމަށާއި، ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓުވާފައި ވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް ހަ މީހަކު ޕޮޒިޓިވްވެފައިވާއިރު، އދ. ވިލަމަންދޫ އައިލެންޑް ރިސޯޓުގެ އިތުރުން ޅ. ކުރެއްދޫ އައިލެންޑް ރިސޯޓު އަދި އއ. ސޭންޑީސް ބަތަލާ ރިސޯޓުވެސް ވަނީ ވަގުތީ ގޮތުން ލޮކްޑައުންކޮށްފައެވެ.