ކޮރޯނާވައިރަހަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދެ މީހުން ފެނުނު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި އެކަހެރިކޮށްފައި ތިބި 93 މީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށް ކޮރޯނާވައިރަހާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވީ، ކުރެއްދޫ ރިސޯޓުގައި 69 މީހަކު އެކަހެރިކޮށްފައިވާއިރު އެ ރިސޯޓުގައި މަސައްކަތްކުރާ 25 މީހަކު އެމީހުން ތިބި ތަނެއްގައި އެކަހެރިވެގެން ތިބުމަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް އެކަހެރިވުމަށް އެންގި އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް 19 އަށް ޝައްކުކުރެވޭ މީހެއްގެ އަލާމާތެއް އަދި ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.
ކުރެއްދޫ ރިސޯޓަކީ ރާއްޖެއިން އެންމެ ފުރަތަމަ އަށް އަރައި ނުފޭބޭ ގޮތަށް ބަންދުކުރި ރަށެވެ. އެއީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް އިޓަލީއަށް ދިޔަ ޓޫރިސްޓެއްގެ ގައިން ކޮރޯނާވައިރަސް ފެނުނުކަން އެ ގައުމުން އެންގުމާ ގުޅިގެންނެވެ.
އެއަށްފަހު ކޮރޯނާއަށް ޕޮޒިޓިވްވި ޓޫރިސްޓް މީހާއާ ކޮންޓެކްޓްވި އެންމެން ހޯދައި ބެލި ބެލުމުން އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ. އަދި އިތުރު ބައެއްގެ ސާމްޕަލްތަކެއް ނަގައި ހެދި ޓެސްޓުތަކުން އިތުރު ދެ ބިދޭސީއަކު މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ.
މި ދެ ކޭސްގެ އިތުރުން އއ. ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓަކު ވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މި ދެ ރަށުން ޕޮޒިޓިވްވި ހަތަރު މީހަކު މިވަގުތު ތިބީ ފަރުކޮޅު ފުށީގައެވެ. އަދި މިއަދު ކުރެއްދޫން ޕޮޒިޓިވްވި ދެ ކޭހާ ގުޅިގެން އަމަލުކުރަމުންދާ ގޮތެއް އެޗްޕީއޭއަކުން އަދި ހާމައެއް ނުކުރެއެވެ.
ކުރެއްދޫ ރިސޯޓުގެ ހާލަތު މިހާރު އޮތީ އޮރެންޖު އެލާޓުގައެވެ. އެ އެލާޓަކީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި ހުރި މީހަކަށް ބެލި ފެތުރޭ ހާލަތުގައި ނެރޭ އެލާޓެވެ. އަދި ރާއްޖޭގެ ހާލަތު މިވަގުތު އޮތީ ޔެލޯ އެލާޓްގައެވެ.