ރާއްޖޭގައި ކޮވިޑް 19 ފެތުރިގެން ދިއުމުގައި އިހުމާލުވި ފަރާތްތަކުގެ ތެރޭގައި އިސް ފަރާތެއް ހިމެނުނަސް، އެފަރާތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ކޮރޯނާވައިރަހާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
މަބުރޫކު އެހެން ވިދާޅުވީ، އިޓަލީ މީހާގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހާމަނުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު އެންގެވުމުން، ކޮރޯނާވައިރަހުގެ ޓާސްކު ފޯހުގައި އެންމެ އިސްކޮށް ހިމެނިވަޑައިގަންނަވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރުމުގެ ވިސްނުމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާތޯ ނޫސްވެރިއަކު އެހި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަބުރޫކު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އިގްތިސާދަކީ ވެސް ރައްޔިތުންކަން ދަނެގެން، ރައްޔިތުންގެ ރައްކާތެރިކަމަށް ހުރިހާ ކަމެއް ވެސް ކުރުމަށް ކަމަށެވެ. އެގޮތުން އިޓަލީ މީހާ ބަލިވެ ހުއްޓާ ފުރި މައްސަލައިގައި ވެސް އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާއިރު އެއީ ކޮން ފަންތިއެއްގެ ބޭފުޅެއްތޯ ނުބަލާނެ ކަމަށް ވިދާޅުވިއެވެ.
"މިކަމުގައި އިހުމާލުވާ ފަރާތެއް އޮވެއްޖެއްޔާ ސަރުކާރުން ފުރިހަމައަށް ފިޔަވަޅު އަޅާނެކަން. އެއީ ވަކި ލެވެލް އެއްގެ ވަކި ބޭފުޅެއްތޯ ބެލުމެއް ނޯންނާނެ. އެކަން ކުރިއަށްދާނެ." މަބުރޫކު ވިދާޅުވިއެވެ.
"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ޝަމީމު މިރޭ ވިދާޅުވީ ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރެން ދިމާވި ބައެއް ކަންކަމުގައި ކޮންމެވެސް ބައެއްގެ އިހުމާލު އޮތް ކަމަށް ބުނެ ވާހަކަތައް ވަރަށް ގަދަޔަށް އެބަ ދެކެވޭ ކަމަށާއި އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގަންނަވާތީ އެކަން ތަހުގީގު ކުރުމަށް އެންގެވީ ކަމަށެވެ.
ޕީޖީ ޝަމީމް ފުލުހުންނަށް މި ފަދަ ތަހުގީގެއް ހިންގަން އެންގެވި އިރު، ޅ. ކުރެއްދޫން ފުރައިގެން ދިޔަ ފަހުން ކޮރޯނާއަށް ޕޮޒިޓިވް ވި މީހާގެ މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ.
އެ މީހާ ބަލިވެ ތަކުރާރުކޮށް ޑޮކްޓަރަށް ދެއްކި ކަމަށާއި އެއާޕޯޓަށް އައިސް ފުރަތަމަ ނުފުރުނީ ބަލި ބޮޑުކަމުން ކަމަށް ބުނެވެސް ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. އަދި އޭނާގެ ފުށުން ބަލީގެ އަލާމާތްތައް ފެނި ރިސޯޓުގައި އެޑްމިޓްކުރި ކަމުގެ ވާހަކަތަކެއް ވެސް ދަނީ ދެކެވެމުންނެވެ.
މާލޭގައި ހުންނަ މާގިރި ހޮޓަލުގައި މި މަހުގެ އެކެއް އަދި ދެވަނަ ދުވަހު އެމީހާ ހުރި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ ދެދުވަހު އެމީހާއާ ބައްދަލުވި މީހުންގެ މައުލޫމާތު ވެސް އަންނަނީ ހޯދަމުންނެވެ.
މާގިރި ހޮޓަލުން އޭނާއާ ބައްދަލުވި 15 މުވައްޒަފަކު މިހާރު ވަނީ އެކަހެރިކޮށްފަ އެވެ. އަދި އެ މީހާ ޓިކެޓުގެ ކަމެއްގައި ޔުނިވާސަލްގެ ޓިކެޓު އޮފީހަށް ގޮސްފައި ވާތީ އެތަނުން ބައްދަލުވި މުވައްޒަފު މިއަދު ވަނީ ކަރަންޓީނު ކޮށްފަ އެވެ. ޔުނިވާސަލްގެ އޮފީހުން އޭނާއާ ބައްދަލުވީ ދިވެހި މުވައްޒަފެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.