ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުން އިތުރު ދެ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. އެހެން ކަމުން ރާއްޖޭން މިބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިވަނީ ހަޔަކަށް އަރައިފަ އެވެ.
ކޮވިޑް19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ކޮރޯނާވައިރަހާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ، ކުރެއްދޫ ރިސޯޓުން ސާމްޕަލް ނެގި މީހުންގެ ތެރެއިން އިތުރު ދެ މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ޕޮޒިޓިވް ވެފައިވަނީ ދެ ބިދޭސީއެއް ކަމަށެވެ. ނަމަވެސް އެއީ އެ ރިސޯޓުގެ ދެ މުވައްޒަފުން ކަމެއް ނުވަތަ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދާ ދެ މީހުން ކަމެއް އެޗްޕީއޭ އަކުން ނުބުނެއެވެ.
ކޮރޯނާވައިރަހަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދެ މީހުން ފެނުނީ ވެސް ކުރެއްދޫ ރިސޯޓުންނެވެ. އެއީ އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ. އޭގެ ތެރޭގައި އެ ރިސޯޓުގެ ޑޮކްޓަރު ވެސް ހިމެނެއެވެ. އެ އެންމެން މިހާރު ވަނީ ފަރުކޮޅުފުއްޓަށް ގެނެސް އެކަހެރިކޮށްފައެވެ.
އެ ދެ މީހުންގެ ހަށިގަނޑަށް އެ ވައިރަސް އެރި ސަބަބެއް ކަމަށް ބެލެވެނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ފަރާތުންނެވެ. ނަމަވެސް އެކަން އެނގުނީ އެ މީހާ އެނބުރި އިޓަލީއަށް ގޮސް، ކޮރޯނާވައިރަހަށް ޕޮޒިޓްވުމުން، އެކަން ދިވެހި ސަރުކާރަށް އެންގުމުންނެވެ.
އެ މައްސަލައިގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮރޯނާވައިރަހުގެ ހާލަތު ވަނީ އޮރެންޖު އެލާޓަށް ގެނެސްފައެވެ. އެ އެލާޓަކީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި ހުރި މީހަކަށް ބެލި ފެތުރޭ ހާލަތުގައި ނެރޭ އެލާޓެވެ.