ކުއްލި ޚަބަރު

ކޮވިޑް 19 ފެތުރުމުގައި އިހުމާލެއްވޭތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް ޕީޖީ އަންގަވައިފި

ރާއްޖޭގައި ކޮވިޑް 19 ފެތުރިގެން ދިއުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު އަންގަވައިފިއެވެ.

ޕީޖީ ޝަމީމު މިކަން އާންމު ކުރެއްވީ އޭނާ މިރޭ ކުރެއްވި ޓުވީޓެއްގަ އެވެ.

"ރާއްޖޭގައި ކޮވިޑް19 ފެތުރުމުގައި، އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ ބެލުމަށް އެކަމުގެ ޖިނާއީ ތަހުގީގެއް ހިންގަން އަޅުގަނޑު ފުލުހުންނަށް އަންގައިފިން." ޕީޖީ ޝަމީމް މިރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ޝަމީމް މިރޭ ވިދާޅުވީ ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރެން ދިމާވި ބައެއް ކަންކަމުގައި ކޮންމެވެސް ބައެއްގެ އިހުމާލު އޮތް ކަމަށް ބުނެ ވާހަކަތައް ވަރަށް ގަދަޔަށް އެބަ ދެކެވޭ ކަމަށާއި އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގަންނަވާތީ އެކަން ތަހުގީގު ކުރުމަށް އެންގެވީ ކަމަށެވެ.

"ވަރަށް ގިނަ ވާހަކަތައް އެބަ ދެކެވޭ. އެކި ކަހަލަ ތުހުމަތުތައް އެބަ ކުރެވޭ. އެކަމަކު ހަގީގަތަކާ ހަމަޔަށް ދެވޭނީ ފުރިހަމަ ތަހުގީގެއް ހިންގައިގެން. އެހެންވެ އަޅުގަނޑަށް ގާނޫނު އަސާސީން ލިބޭ ބާރުގެ ދަށުން މި ފަދަ ތަހުގީގެއް ހިންގަން މި އެންގީ." ޝަމީމް ވަން އަށް ވިދާޅުވި އެވެ.

ޕީޖީ ޝަމީމް ފުލުހުންނަށް މި ފަދަ ތަހުގީގެއް ހިންގަން އެންގެވި އިރު، ޅ. ކުރެއްދޫން ފުރައިގެން ދިޔަ ފަހުން ކޮރޯނާއަށް ޕޮޒިޓިވް ވި މީހާގެ މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އެ މީހާ ބަލިވެ ތަކުރާރުކޮށް ޑޮކްޓަރަށް ދެއްކި ކަމަށާއި އެއާޕޯޓަށް އައިސް ފުރަތަމަ ނުފުރުނީ ބަލި ބޮޑުކަމުން ކަމަށް ބުނެވެސް ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. އޭނާގެ ފުށުން ބަލީގެ އަލާމާތްތައް ފެނި ރިސޯޓުގައި އެޑްމިޓްކުރި ކަމުގެ ވާހަކަތަކެއް ވެސް ދަނީ ދެކެވެމުންނެވެ. މާލޭގައި ހުންނަ މާގިރި ހޮޓަލުގައި މި މަހުގެ ދޭއް އަދި ތިން ވަނަ ދުވަހު އެމީހާ ހުރި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ދެދުވަހު އެމީހާއާ ބައްދަލުވި މީހުންގެ މައުލޫމާތުވެސް އަންނަނީ ހޯދަމުންނެވެ. މާގިރި ހޮޓަލުން އޭނާއާ ބައްދަލުވި 15 މުވައްޒަފަކު މިހާރު ވަނީ އެކަހެރިކޮށްފަ އެވެ. އަދި އެ މީހާ ޓިކެޓުގެ ކަމެއްގައި ޔުނިވާސަލްގެ ޓިކެޓު އޮފީހަށް ގޮސްފައި ވާތީ އެތަނުން ބައްދަލުވި މުވައްޒަފު މިއަދު ވަނީ ކަރަންޓީނު ކޮށްފަ އެވެ. ޔުނިވާސަލްގެ އޮފީހުން އޭނާއާ ބައްދަލުވީ ދިވެހި މުވައްޒަފެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.