ކޮވިޑް 19

ކުރެއްދޫން ފުރައިގެން ދިޔަފަހުން ކޮވިޑް 19 ހުރިކަން އެނގުނު އިޓަލީ މީހާ ދެދުވަހު މާލޭގައި ހުރި، ހުރީ މާގިރި ހޮޓަލުގައި

އަލީ ޔާމިން

1

ޅ. ކުރެއްދޫން ފުރައިގެން ދިޔަ ފަހުން ކޮވިޑް 19 ހުރިކަން އެނގުނު އިޓަލީ މީހާ ދެ ދުވަހު މާލޭގައި ހުރި ކަމަށާއި އޭނާ ހުރީ މާގިރި ހޮޓަލުގައި ކަމަށް ޔަގީން ކުރެވިފައިވާ ކަމަށް ކޮރޯނާވައިރަސްގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ދާދި ދެންމެ ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ މީހާ މާލެ އައިސް މާގިރި ހޮޓަލުގައި މަޑުކުރި ކަމަށެވެ. އަދި އޭނާ އެ ހޮޓަލުގައި މަޑުކުރީ ގައުމަށް ނުފުރިގެން މިމަހުގެ އެއްވަނަ ދުވަހާ ދެވަނަ ދުވަހު ކަމަށެވެ.

މީގެ އިތުރުން މަބުރޫކު ވިދާޅުވީ، މާގިރި ހޮޓަލުގެ 15 މުވައްޒަފަކާ އެ ފަތުރުވެރިޔާ ކޮންޓެކްޓްވި ކަމަށެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައި ވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ފަތުރުވެރިޔާ، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ ދިވެހި މުވައްޒަފެއްގެ ފަރާތުން ކޮވިޑް 19ގެ އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުށީގައި ހުންނަ އައިސޮލޭޝަން ޔުނިޓަށް ގެންދިޔުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މަބްރޫކް ވިދާޅުވީ، އެ ދިވެހި މީހާ ކަރަންޓީނުކޮށް ސާމްޕަލްތައް މިއަދުގެ ވަގުތެއްގައި ނެގުމަށް ވަނީ ހަމަޖައްސާފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް 19އަށް ހަތަރު މީހަކު ޕޮޒިޓިވް ވެފައެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފަކާއި ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓެކެވެ. މިހާތަނަށް މި ބައްޔަށް ރާއްޖޭން ޕޮސިޓިވް ވި މި ހަތަރު މީހުންނަކީ ވެސް ބިދޭސީންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟