ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި ހަތަރު މީހުންގެ ހާލު ރަނގަޅު ކަމަށް ކޮވިޑް19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވީ، އެ ހަތަރު މީހުންނަށް ސިއްހީ ހުރިހާ ހިދުމަތަކާއި ފަރުވާއެއް ފޯރުކޮށްދެމުން އަންނަ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ.
ރާއްޖޭގައި ކޮވިޑް19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. ބިދޭސީ އެ ދެ މީހުންނަށް ކޮވިޑް19 ޖެހުނީ އެ ތަނުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފުށުން ކަމަށް ބެލެވެއެވެ. އެ ފަތުރުވެރިޔާއަށް ކޮވިޑް 19 ޖެހިފައިވާކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ.
ދެން ކޮވިޑް19އަށް ރާއްޖޭގައި ޕޮޒިޓްވެފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓެކެވެ.
ކޮވިޑް 19 ޖެހުނު އިޓަލީ މީހާ އެނބުރި ގައުމަށް ދިޔުމުގެ ކުރިން މާލޭގައި ހުންނަ މާގިރި ހޮޓަލުގައި ދެ ދުވަހު މަޑުކުރި ކަމަށް ވެސް މަބުރޫކު ވިދާޅުވިއެވެ. އަދި އެ ހޮޓަލުން އޭނާއާ ބައްދަލުވި 15 މުވައްޒަފަކު އެކަހެރިކޮށްފައިވާ ކަމަށާއި އޭނާއާ ޔުނިވާސަލްގެ ޓިކެޓު އޮފީހުން ބައްދަލުވި މުވައްޒަފެއްގެ ފަރާތުން ކޮވިޑް19ގެ އަލާމާތްތައް ފެނުމުން އެ މުވައްޒަފު ވެސް އެކަހެރި ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭނާ މިއަދުގެ ވަގުތެއްގައި ފަރުކޮޅުފުށީގައި ހުންނަ އައިސޮލޭޝަން ޔުނިޓަށް ގެންގޮސް ސާމްޕަސްތައް ހެދުމަށް ނިންމާފައިވާ ކަމަށެވެ.