މިންހާ ފާއިޒް ރަޝާދު
ކޮރާނާވައިރަހުން އުފެދިފައިވާ ބަލި، ކޮވިޑް 19 އިޓަލީގެ އެތައް ބަޔަކަށް ޖެހި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން 16 މިލިޔަން މީހުންނާއެކު ގިނަ ސަރަހައްތުތަކެއް ބަންދުކޮށްފި އެވެ.
އިޓަލީގެ ބޮޑު ވަޒީރު ޖުޒަޕޭ ކޮންޓީ އާދިއްތަ ދުވަހު ކުއްލިގޮތަކަށް ސޮއިކުރައްވައި އިއުލާނުކުރެއްވި ގާނޫނުގެ ސަބަބުން، އިޓަލީގެ އިގްތިސާދީ ހަބު މިލާންވެސް ވަނީ ބަންދުކޮށްފައެވެ. މި ގާނޫނުގައިވާ ގޮތުން އޭޕްރިލް ތިނެއް ވަންދެން އިޓަލީގެ އެސަރަހައްދުތައް ބަންދުކޮށްފައި އޮންނާނެއެވެ.
އިޓަލީގައި ސިއްހީ ހިދުމަތްތެރީންގެ ޗުއްޓީތައް ކެންސަލް ކޮށްފައިވާއިރު ހަައެކަނި ފާސް ލިބިފައިވާ ފަރާތްތައް ނޫން މީހުނަށް ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
"މިއީ ގައުމީ ކުއްލި ހާލަތެއް. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް މިކުރަނީ ކަންކަން ސިއްރު ނުކޮށް ޓްރާންސްޕޭރަންޓް ވާން. މިހާރު މިވަގުތަކީ އެއްމެން ގުޅިގެން ހިތްވަރު ދައްކަންވީ ވަގުތު. އިތުރަށް ބަލި ފެތުރުނަ ނުދީ ކޮންޓްރޯލްކުރަން އެބަޖެހޭ. ހޮސްޕިޓަލްތައްވެސް ފުރިބާރު ނުވާނެ ގޮތެއް ވާން ޖެހޭ." އިޓަލީގެ ގިނަ ސަރަހައްދުތަކެއް ބަންދުކުރިކަން އިއުލާންކުރުމަށް އިއްޔެ އެގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑު ވަޒީރު ވިދާޅުވިއެވެ.
އިޓަލީއަކީ ޔޫރަޕުގައި ކޮވިޑް 19 އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. ދުނިޔޭގެ ނިސްބަތުން އެއީ ތިން ވަނައަށް އެންމެ ބޮޑަށް މިބަލި ފެތުރިފައިވާ ގައުމެވެ.
އާދިއްތަ ދުވަހު އެކަނިވެސް އެގައުމުގައި ބަލި ފެތުރިފައިވާ ނިސްބަތް 25 ޕަސެންޓް ވަނީ އިތުރު ވެފައެވެ. މަރުވި މީހުންގެ އަދަދު ވަނީ 57 ޕަސެންޓް އިތުރު ވެފައެވެ. އިޓަލީގެ ލޮމްބާޑީ ރީޖަނަލް ކްރައިސިސް ރެސްޕޮންސް ޔުނިޓްގެ ހެޑް އެންޓޯނިޔޯ ޕެސެންޓީ ވިދާޅުވިގޮތުގައި އެގައުމުގެ ސިއްހީ ވެސް ނިޒާމު މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގަ އެވެ.
"އަޅުގަނޑުމެނަށް މިހާރު މިޖެހެނީ އިންޓެންސިވް ކެއާ ޔުނިޓްތައްވެސް ހޮސްޕިޓަލުގެ ކޮރިޑޯ ތަކާއި އޮޕަރޭޝަން ތިއޭޓަރާއި ރިކަވަރީ ރޫމްތަކުގައި ވެސް ހަދަން. ހޮސްޕިޓަލުގެ ހުރިހާ ސެކްޝަންތަކެއް ހުސްކޮށް އެންމެ ހާލު ބޮޑު މީހުނަަށް މިހާރު ޖާގަ ހަދައިގެން ފަރުވާދެމުން މިދަނީ" އެންޓޯނިޔޯ ޕެސެންޓީ ވިދާޅުވިއެވެ.
އިޓަލީގައި ކޮވިޑް 19 އިތުރަށް ފެތުރުނަ ނުދިނުމަށް އެޅި މިފިޔަވަޅަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ވެސް ވަނީ ތާއީދުކޮށްފައެވެ.
އިޓަލީގައި 7975 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު 366 މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް ދުނިޔޭގައި 109737 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު 3816 މީހުން ވަނީ ބަލީގައި މަރުވެފައެވެ.