އއ. ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ޕޮޒިޓިވް ވެފައިވަނީ އެ ރިސޯޓުގައި ތިބި ތިން މީހެއްގެ ތެރެއިން ދެ މީހަކު ކަމަށެވެ. އަދި އެރަށުގެ ހާލަތު މޮނީޓާ ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
ބަތަލާ ރިސޯޓުން ޕޮޒިޓިވް ދެ ކޭސް ފެނިފައިވާއިރު އެ ރިސޯޓު ރެއިން ފެށިގެން އޮތީ ލޮކްޑައުން ކޮށްފައެވެ. އެއީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީ ޓޫރިސްޓަކު ކޮރޯނާ ވައިރަހަށް ޝައްކުވެގެން ކަރަންޓީން ކުރުމާ ގުޅިގެންނެވެ.
ބަތަލާ ރިސޯޓުން މިއަދު ޕޮޒިޓިވްވި ދެ ކޭސްއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ މިހާރު ހަތަރެކެވެ.
ރާއްޖެއިން އެންމެ ފުރަތަަމަ ޕޮޒިޓިވްވީ ދެ މީހެކެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންނެވެ. އެމީހުން މިހާރު ތިބީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައި ހުންނަ ކަރަންޓީން ފެސިލިޓީގައެވެ.