ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އަރައި ނުފޭބޭ ގޮތަށް ބަންދުކޮށްފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓްގައާއި ބަތަލާ އައިލެންޑް ރިސޯޓުގައި ޖުމްލަ 104 މީހަކު ރޫމް ކަރަންޓީންގައި އެބަ ތިބި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19އާ ގުޅޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސަްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އަރައި ނުފޭބޭ ގޮތަށް ބަންދުކޮށްފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓުގައި 93 މީހެއް ރޫމް ކަަރަންޓީނުގައި އެބަ ތިބި ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި ޖުމްލަ 173 މީހުން އެބަ ތިބި ކަމަށް ވިދާޅުވިއެވެ.
އަރައި ނުފޭބޭ ގޮތަށް ބަންދު ކޮށްފައިވާ ދެވަނަ ރިސޯޓު، ބަތަލާ އައިލެންޑް ރިސޯޓުގައި ވެސް 11 މީހަކު ރޫމް ކަރަންޓީނުގައި އެބަ ތިބި ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ނަމަވެސް މި މީހުންނަކީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ކަރަންޓީން ކޮށްފައި ތިބި މީހުން ނޫން ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބަތަލާ ރިސޯޓާ ގުޅޭ ގޮތުން ދެން އަމަލުކުރާނެ ގޮތެއް ނިންމާނީ އެ ރިސޯޓުން ކަރަންޓީންކުރި މީހުންގެ ނަތީޖާ ލިބުމުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިފަހުން 24 ފަރާތެއްގެ ގައިން ސާމްޕަލް ނެގި، އޭގެ ތެރެެއިން ދެ ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި 20 ފަރާތެއް ވައިރަހަށް ނެގެޓިވް ކަމަށް ދައްކާއިރު އިތުރު ދެ މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވިދާޅުވިއެވެ.
ކުރެއްދޫ ރިސޯޓަކީ ރާއްޖެއިން އެންމެ ފުރަތަމަ އަށް އަރައި ނުފޭބޭ ގޮތަށް ބަންދުކުރި ރަށެވެ. އެއީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް އިޓަލީއަށް ދިޔަ ޓޫރިސްޓެއްގެ ގައިން ކޮރޯނާވައިރަސް ފެނުނުކަން އެ ގައުމުން އެންގުމާ ގުޅިގެންނެވެ.
އެއަށްފަހު ކޮރޯނާއަށް ޕޮޒިޓިވްވި ޓޫރިސްޓް މީހާއާ ކޮންޓެކްޓްވި އެންމެން ހޯދައި ބެލި ބެލުމުން އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ. އެ ދެ މީހުން މިހާރު ވެސް ތިބީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައެވެ.
އެކަމާ ގުޅިގެން ކުރެއްދޫ ރިސޯޓުގެ ހާލަތު މިހާރު އޮތީ އޮރެންޖު އެލާޓުގައެވެ. އެ އެލާޓަކީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި ހުރި މީހަކަށް ބެލި ފެތުރޭ ހާލަތުގައި ނެރޭ އެލާޓެވެ.
އދ. ސޭންޑީޒް ބަތަލާ އައިލަންޑް ރިސޯޓަށް އަރައި ނުފޭބޭ ގޮތަށް އެ ރަށް ބަންދުކުރީ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީ މީހެއްގެ ފަރާތުން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުންނެވެ. އެމީހާ ވެސް މިވަގުތު ހުރީ ފަރުކޮޅުފުށީގައެވެ.