ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ށ. ފޯކައިދޫން ފެނިގެން އޭނާ ކަރަންޓީން ކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.
އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ، ޝައްކުކުރެވިގެން ކަރަންޓީން ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަނީ ކުރެއްދޫ ރިސޯޓުގެ މުވައްޒަފެއް ކަމަށެވެ.
އެކަމާ ގުޅޭ ތަފްސީލު ދެއްވަމުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މިވަގުތު ހުރި މައުލޫމާތަށް ބަލާއިރު ފޯކައިދޫން ކަރަންޓީން ކުރުމަށް ގެންނަ މީހާއަކީ ކުރެއްދޫގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު މީހަކާ ގުޅުންހުރި މީހެއް ކަމަށެވެ.
އަދި އޭނާ ކަރަންޓީނަށް ފަރުކޮޅު ފުއްޓަށް ގެންނަން ނިންމީ އެރަށަށް ޑޮކްޓަރުން ގޮސް ބަލައި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕްގެ މަޝްވަރާއާއެކު ކަމަށް ވިދާޅުވިއެވެ.
ކުރެއްދޫ ރިސޯޓަކީ ރާއްޖެއިން އެންމެ ފުރަތަމަ އަށް އަރައި ނުފޭބޭ ގޮތަށް ބަންދުކުރި ރަށެވެ. އެއީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް އިޓަލީއަށް ދިޔަ ޓޫރިސްޓެއްގެ ގައިން ކޮރޯނާވައިރަސް ފެނުނުކަން އެ ގައުމުން އެންގުމާ ގުޅިގެންނެވެ.
އެއަށްފަހު ކޮރޯނާއަށް ޕޮޒިޓިވްވި ޓޫރިސްޓް މީހާއާ ކޮންޓެކްޓްވި އެންމެން ހޯދައި ބެލި ބެލުމުން އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ. އަދި ދެ މީހުން މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީން ކޮށްފައެވެ.
އޭގެ އިތުރުން ހެލްތު މިނިސްޓްރީން ވަނީ އެރަށުގެ އެލާޓް ލެވެލް އޮރެންޖަށް ބަދަލުކޮށް މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައެވެ.