ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންޑާ ނޮވެލް ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19ގެ އަލާމާތްތައް ހުންނަ މީހުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވައިރަސް އަލާމާތްތައް ކަމަށް ބެލެވޭ ހުން އައުމާއި ރޯގާ ޖެހުމާއި ކެއްސާ ކިނބިހިއަޅާ މީހުންނާއި ކަރަންޓީން ކޮށްފައިވާ ރަށަކަށް އަރައިފައިވާ މީހުން، މިސްކިތުގެ ޖަމާއަތަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.
އޭގެ އިތުރުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތުގެ ޖަމާއަތަށް ކުޑަކުދިންނާއި މުސްކުޅިން ނުދިއުމަށް ވެސް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ، މިފަދަ ކަންކަމަކީ އިސްލާމްދީނުގައި މިމަގަށް ބާރުއަޅާފައިވާ ކަންކަން ކަމަށާއި އެގޮތަށް ބަލާއިރު ފިޔާ ލޮނުމެދު ފަދަ ތަކެތީގެ ވަހުގެ ސަބަބުން މީސްތަކުންނަށް އުނދަގޫވާތީވެ އެފަދަ ތަކެތި ކައިގެން މިސްކިތުގެ ޖަމާއަތަށް ދިއުންވަނީ މަނާ ކޮށްފައި ކަމާށެވެ.
އެހެންކަމުން ކޮވިޑް-19 ފަދަ ނުރައްކާތެރި ވައިރަހެއްގެ އަލާމާތްތައް ފެންނަ ފަރާތްތަކުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.
"މާތްﷲ އިރާދަފުޅާއެކު މިފަދަ ނުރައްކާތެރި ބައްޔެއްގެ އަލާމާތްތައް ފެންނަ ހިނދު، ތިބާ މިސްކިތުގެ ޖަމާއަތުން އެއްކިބާވެ ކުރާ ނަމާދަށް، ތިބާ ފުރިހަމަ ސިއްހަތެއްގައި ވީ ހިނދު، މިސްކިތުގެ ޖަމާއަތުގައި ކުރާ ނަމާދަށް ލިބޭ ފުރިހަމަ ސަވާބު ލިބިގެންދާނެއެވެ،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވަނީ މިފަދަ ދަނޑިވަޅުގައި ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލު ކުރުމަށާއި ގިނަ ގިނައިން ދުއާކޮށް އުޅުމަށް ނަސޭހަތްތެރިވެފައެވެ. އަދި އެއިރަކަށް ބޭނުންވާ ދީނީ މައުލޫމާތު އިލްމުވެރިންގެ ލަފަޔާ އިރުޝާދުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާެނ ކަމުގައި ވެސް ބުނެފައިވެއެވެ.