އިބްރާހިމް ޒަކީ
ރާއްޖެއިން ކޮވިޑް 19 ފެނުމުން އިތުރަށް ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށާއި، ބޭނުންވެއްޖެ ހިނދެއްގައި، އެސްޓީއޯގެ ސްްޓޮކާ ނުލައި، ޓޫރިޒަމް އިންޑަސްޓްރީއަށް އެކަނި، ބައި މިލިޔަން މާސްކް އެބަހުރި ކަމަށް ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ވިދާޅޫވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރު އޮތީ ދުރާލާ ތައްޔާރުވެފައި ކަމަށާއި ރައްޔިތުންނަށް އެއްވެސް ކަމަކަށް ދަތި ނުވާނެ ކަމަށެވެ.
އަދި ކާޑަށް ބެލި ނަމަވެސް މާކްސްއަށް ބެލި ނަމަވެސް ކަންބޮޑުވާން ނުޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބޭނުމަކީ އެ އެއްޗެއް ބޭނުންވާ ދަނޑިވަޅުގައި އެ ބޭނުންވާ ބަޔަކަށް ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން ޓޫރިޒަމް މިނިސްތްރީގެ ބެލުމުގެ ދަށުގައި ބައި މިލިޔަން މާސްކް، ޓޫރިޒަމް ދާއިރާއަށް އަމާޒު ކޮށްގެން އެބަހުރި ކަމަށާއި، ޓޫރިޒަމް ދާއިރާގައި އުޅެނީ ތިރީސް ހަތްހާހެއްހާ މީހުން ކަމަށެވެ.
އަދި އެއީ އެއަށް އެންމެ ބޭނުންވާ ފަރާތްތަކަށް ދޭންހުރި މާސްކް ކަމަށްވެސް ވިދާޅުވިއެވެ.
"ކާޑަށް ބެލިކަމުގައި ވިޔަސް މާސްކަށް ބެލި ކަމުގައި ވިޔަސް މި ކޮންމެ އެއްޗެއް ވެސް މިފަދަ ކޮންމެ ދަނޑިވަޅެއްގައި އެތަކެތި އެންމެ ބޭނުންވާ މީހުންނަށް ބަހައްޓަން އެބަޖެހޭ، މިސާލަކަށް އަޅުގަނޑުމެން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އެބަހުރި މިހާރު ބައި މިލިޔަން މާސްކް، އޭގެ އެންމެ މާސްކެއްވެސް އަޅުގަނޑުމެންގެ ތެރެއިން އެކަމުވެސް ނާޅާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެތަކެތި ބޭނުންވަނީ ސޮސައިޓީގައި ތިބި އެއަށް އެންމެ ބޭނުންވާ ވަކި އުމުރެއްގެ މީހުންނާއި ކުޑަކުދިންނަށް ކަަމަށެވެ.
ބޭނުންވެއްޖެ ހިނދެއްގައި އެތަކެތި އާއްމުނަށް ދޫކުރުމަށް ޖެހިދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.