އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން އެކަހެރި ކުރަން ޖެހޭ މީހުންނަށް ވިލިވަރުގައި 30 ކޮޓަރީގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމްކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ، 30 ކޮޓަރިގެ އައިސޮލޭޝަން ފެސިލިޓީސް ވިލިވަރުގައި ގާއިމް ކޮށްފައިވަނީ، ކޮންމެ ކޮޓަރިއެއްގައި އެޓޭޗް ކުރެވިފައިވާ ގޮތައް ގެސްޓުންގެ އިތުރުން ކޮންމެ ފެންވަރެއްގެ މީހަކުވެސް އެތާ އެކަހެރި ކުރެވޭގޮތަށް ކަމަށެވެ.
އެއީ ފެބްރުއަރީގެ އެކައުން ފެށިގެން 10 އަކަށް 10 ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކެއް ކަމަށާއި، އެތަން ހެދުނުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް 2.1 މިލިޔަން ރުފިޔާ ހަރަދު ވެފައިވާ ކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެރަށް ކަރަންޓީނު ފެސިލިޓީއަކަށް ތަރައްގީ ކޮށްފައިވަނީ، ބަލި އިތުރަށް ސީރިއަސްވެ ޓެންޓް ޖަހަންޖެހިއްޖެއްޔާ އެކަންވެސް ކުރެވޭގޮތަށް ކަމަށެވެ. އަދި އެއީ މާލެއާ 30 މިނިޓް ދުރުގައިވާ ތަނެއް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ރަށަކީ، ކުރިން އަތަމާ އަތުގައި އޮތް ރަށެއް ކަމަށާއި، މިހާރު މުހައްމަދު އަލީ ޖަނާހަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. ނަމަވެސް އެގްރީމެންޓްގައި ހިމެނޭ މާއްދައެއް ބޭނުންކޮށްގެން ޖަނާއާ މަޝްވަރާ ކުރުމަށްފަހު އެ ރަށް އެއްމަސް ދުވަހަށް ސަސްޕެންޑްކޮށް ބޭނުން ކުރަނީކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ބޭނުން ވެއްޖެނަމަ އެތަނުގެ މުއްދަތު ވާހަކަ ދައްކައިގެން އިތުރު ކުރެވޭނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ވިލިވަރުގެ އިތުރުން، މިވަގުތު ހުއްޓާލާފައި އޮތް 100 ރޫމްގެ ރިސޯޓެއްވެސް ކަރަންޓީނު ފެސިލިޓީއަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެތަން މިހާރު އިންސްޕެކްޓްކޮށްފައިވާ ކަމަށާއި އެތަން ފަންގްޝަނަށް ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.