މިންހާ ފާއިޒް ރަޝާދު
ޔުނައިނެޓް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކޮވިޑް19 އަށް ފަރުވާ ދިނުން ހިލޭކޮށްފިއެވެ.
ދުބާއީ ހެލްތު އޮތޯރިޓީ (ޑީއެޗްއޭ) އިން ހޮސްޕިޓަލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ އެގައުމުގެ ހުރިހާ ލައިސެންސްޑް ހެލްތު ފެސިލިޓީ ތަކުން ކޮވިޑް19 އަށް ފަރުވާ ދޭން ޖެހޭނީ އިމަޖެންސީ ކޭސްތަކުގެ ގޮތުގައި ކަމަށެވެ. އޭގެ ތެރޭގައި ބައްޔަށް ޝައްކު ކުރެވޭ މީހުނާއި ޕޮޒިޓިވްވާ މީހުންވެސް ހިމެނެއެވެ.
މީގެ އިތުރުން ހެލްތު އިންޝުއަރެންސް އޮންނަ މީހެއް ކަމުގައި ވިޔަސް އަދި ހެލްތު އިންޝުއަރެންސް ނެތް މީހެއް ކަމުގައި ވިޔަސް ކޮވިޑް19އަށް ފަރުވާ ދޭން ޖެހެނީ ހިލޭ ކަމުގައިވެސް އެ ސާކިއުލާގައި ބުނެފައި ވެއެވެ.
"ބަލިމީހާ އަތުގައި އިންޝުއަރެންސް އޮތް ކަމުގައިވާނަމަ އިމަޖެންސީކޮށް އެ ކޭސްއަށް އެޓެންޑް ވުމަށްފަހު އިންޝުއަރެންސް ކުންފުނިން ކްލެއިމް ކުރެވޭނެ. އިންޝުއަރެންސް ނެތް މީހެއްކަމުގައި ވާނަމަވެސް އިމަޖެންސީކޮށް އެ މީހާއަށްވެސް އެޓެންޑް ވުމަށްފަހު އޭނާ އަތުން އެއްވެސް ފީއެއް ނުނެގުމަށްވެސް އަންގަން" އެ ސާކިއުލާގައި ވެއެވެ.
ޑީއެޗްއޭއިން މިގޮތަށް ނިންމީ ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކަމަށާއި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ފަރުވާ ހޯދުމުގެ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ވެސް އެ ސާކިއުލާގައިވެއެވެ.
45 މީހުނަށް ޔޫއޭއީގައި ކޮވިޑް19 ޖެހިފައިވާއިރު އޭގެ ތެރެއިން ޗައިނާ ދެމީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.