ކޮވިޑް 19

ކޮރޯނާގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ ފިޔަވަޅެއް: ކޮރޯނާ ސްޕޯކްސްޕާސަނަކަށް މަބުރޫކް

ކޮރޯނާއާއި ގުޅޭ ކަންކަމުގެ މައުލޫމާތު ދިނުމަށް ސަރުކާރުގެ ފަރާތުން ކަނޑައަޅާ ސްޕޯކްސްޕާސަނެއްގެ ގޮތުގައި މުހައްމަދު މަބުރޫކް އަޒީޒް ހަމަޖައްސައިފި އެވެ.

މަބުރޫކު މި މަގާމަށް ހަމަޖެއްސެވި ކަން، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރު ހަސަން އިސްމާއީލް ވަނީ ދާދި ދެންމެ އާންމުކުރައްވާފަ އެވެ.

މަބުރޫކް އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހައި، އަންޑަ ސެކްރެޓަރީގެ މަގާމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ މަސައްކަތް ކުރައްވަނީ ރައީސް އޮފީހުގެ މީޑިއާ އަދި ކޮމިޔުނިކޭޝަން އާއި ބެހޭ ދާއިރާގަ އެވެ.

ރާއްޖޭން ކޮރޯނާ ބަލީގެ ދެމީހަކު ފެނިއްޖެކަން ސަރުކާރުން ރޭ ވަނީ އިއުލާނުކޮށްފަ އެވެ.

ކޮރޯނާ ބަލި ދުނިޔޭގައި ފެތުރެން ފެށީއްސުރެ ސަރުކާރުން އަންނަނީ މި ކަމާ ގުޅޭ ގޮތުން ރާއްޖޭގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކުރަމުންނެވެ. އަދި ކަމާ ގުޅޭ ސައްހަ މައުލޫމާތު އެއްވެސް ހިފެހެއްޓުމެއް ނެތި މީޑިއާތައް މެދުވެރިކޮށް އަންނަނީ ދެމުންނެވެ.

ކޮރޯނާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާ ކުރެއްވުމުގައި، މަބުރޫކު މަސައްކަތް ކުރައްވާނީ ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީން އެކުލަވާލާފައިވާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ގުޅިވަޑައިގެންނެވެ.